12 Dec 2017, 14:50
މާލޭގެ ބޮޑެތި މަގުތަކުގައި ކުނި ގިނަވެ، އާންމުން ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފި އެވެ.
މާލޭގެ ބޮޑެތި ހުރިހާ މަގެއްގައި ކުނި ގިނަވެ އާންމުން ވަނީ އެ ކަމުގެ ޝަކުވާ މީސްމީޑިއާ މެދުވެރިކޮށް ވެސް ހިއްސާކޮށްފަ އެވެ.
މާލޭގެ މަޖީދީމަގާއި ބުރުޒުމަގު އަދި އަމީނީމަގު ވެސް ހިމެނޭ ގޮތަށް ގިނަ މަގުތަކެއްގެ ޕޭމަންޓް ކައިރީގައި ވަނީ ތަފާތު ވައްތަރުގެ ކުނިބުނި ޖަމާވެފަ އެވެ.
މާލޭގައި ކުނި ގިނަވުން: މާލޭގެ މަގުތަކަށް ކުނިއަޅާ މައްސަލަ ފަހަކަށް އައިސް ވަނީ އިތުރުވެފައި---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
"ސަން"ގެ ނޫސްވެރިން މިކަމާ ގުޅިގެން މިއަދު މާލޭގެ މަގުތަކަށް ނުކުތް އިރު ބުރުޒުމަގާއި އަމީނީމަގު އަދި ސޯސަންމަގުގައި ގިނަ އަދަދަކަށް ކުނި ޖަމާވެފައިވާ މަންޒަރު ވަނީ ފެނިފަ އެވެ.
މީސް މީޑިއާގައި ހިޔާލުފާޅުކޮށްފައިވާ އަންހެނަކު ބުނެފައިވާ ގޮތުގައި އޭނާ ދިރިއުޅޭ ގެ ހުންނަ ބުރުޒުމަގު ސާފު ނުކުރާތާ ދެހަފްތާ އަށް ވުރެ ގިނަ ދުވަސް ވެފަ އެވެ.
މާލޭގައި ކުނި ގިނަވުން: މާލޭގެ މަގުތަކަށް ކުނިއަޅާ މައްސަލަ ފަހަކަށްއައިސް ވަނީ އިތުރުވެފައި---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ކުނީގެ އުނދަގޫ ބޮޑުވެ އާންމުންގެ ޝަކުވާ އިންތިހާ ދަރަޖައަށް ފާޅު ކުރަމުން ދަނިކޮށް މިއަދު މެންދުރުހާ އިރު ހައުސިން މިނިސްޓްރީގެ ބައެއް މުވައްޒަފުން ނުކުމެ ވަނީ ބައެއް މަގުތައް ކުނިކަހަން ފަށައިފަ އެވެ.

މާލޭގެ މަގުމައްޗަށް އަޅާފައި ހުރި ކުނި ނެގުމުގައި ހައުސިން މިނިސްޓްރީގެ މުވައްޒަފުން ހަރަކާތްތެރިވަނީ--ސަން ފޮޓޯ/ ފާތިމަތު ސައީދު
އެކަމާ ގުޅިގެން ހައުސިން މިނިސްޓްރީއަށް ގުޅުމުން އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ފޯނު ނުނަންގަވާތީ ވަނީ މައުލޫމާތު ލިބޭ ގޮތް ނުވެފަ އެވެ.