ރަޝިއާއިން އެސް-400 މިސައިލް ޑިފެންސް ސިސްޓަމް ތުރުކީއަށް ވިއްކުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް މިހަފުތާގައި ވަމުންދާ ކަމަށް ތުރުކީގެ ބޮޑުވަޒީރު ރަޖަބް ޠައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.

ތުރުކީގެ ވެރިރަށް އަންކާރާގައި ރަޝިއާގެ ރައީސް ވުލަޑިމިއަރ ޕުޓިންއާ ބައްދަލުކުރައްވައި އުރުދުޣާން ވިދާޅުވީ، އެސް-400 ގަތުމަށްޓަކައި ދެގައުމުގެ އޮފިޝަލުން އަންނަ ހަފުތާގެ ތެރޭގައި ބައްދަލުކޮށް ހުރިހާ ނިންމުމެއް މިންމާނެކަމަށެވެ.

އެސް-400 މިސައިލް ޑިފެންސް ސިސްޓަމަކީ ބޯޓުތަކާއި، ޑްރޯންތަކާއި އަދި މިސައިލްތަކުން ދިފާއުވުމަށް ބޭނުންކުރާ ނިޒާމެކެވެ. އަދި އެ ސިސްޓަމަށް، 420 ކިލޯ މީޓަރު ދުރުން އަމާޒުވާ މިސައިލްތައް ވެސް ހޯދައި ނައްތާލުމުގެ ގާބިލުކަން ލިބިފައިވެއެވެ.

ތުރުކީގެ ބޮޑުވަޒީރު އުރުދުޣާން ޕުޓިން އާ ބައްދަލުކުރައްވަނީ.ރަޝިއާއިން ދަނީ 400-އެސް މިސައިލް ޑިފެންސް ސިސްޓަމް ތުރުކީއަށް ވިއްކުމަށް ތައްޔާރުވަމުން--

ތުރުކީއާ ރަޝިއާއާ ވާހަކަތައް ދެކެވަމުންދާ ގޮތުން އެސް-400 ތުރުކީއަށް، އެއްބަސްވުމުގައި ސޮއިކުރާތާ އެއް އަހަރު ދުވަސް ތެރޭ ފޯރުކޮށްދޭން ޖެހެއެވެ. އަދި އެ ސިސްޓަމްގައި ބޭނުންކުރާ ދެ ބެޓެރިވެސް ތުުރުކީގައި ވެސް އުފެއްދުމަށް އެހީތެރިވެދޭން ޖެހެއެވެ. މިއީ 2.5 ބިލިއަން ޑޮލަރުގެ ޑީލެއް ކަމަށް ވަނީ އަޑުފެތުރިފައެވެ.

އެސް-400 މިހާތަނަށް ރަޝިއާއިން ވިއްކައިފައިވަނީ އިންޑިއާއާއި ޗައިނާއަށް އެކަންޏެވެ.

ތުރުކީއިން ރަޝިއާގެ މިސައިލް ސިސްޓަމްތައް ގަންނަން އުޅޭތީވެ، ތުރުކީ ނިސްބަތްވާ ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ) އާ ދެމެދު ވަނީ ވަރަށް ބޮޑަށް ގުޅުންތައް ގޯސްވެފައެވެ. ނޭޓޯއަކީ ރަޝިއާއާ ޒަމާންވީ ދުޝްމަނެކެވެ.