09 Aug 2011, 13:07
ސީޝެލްސްގައި މިހާރު ކުރިއަށްދާ އަށް ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އިއްޔެ މޮރިޝަސްއާއި ދެކޮޅަށް ދިވެހިރާއްޖެ ކުޅުނު މެޗް ދިވެހިރާއްޖެ އިން ކާމިޔާބުކޮށްފި އެވެ.
ވިކްޓޯރިއާ ޖިމްނޭޒިއަމްގައި ކުޅުނު މިމެޗް ދިވެހި ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 3-2 ސެޓުންނެވެ.
މިމެޗްގެ ފުރަތަމަ ސެޓް މޮރިޝަސްއިން ކާމިޔާބުކޮށްފައި ވަނީ 25 ޕޮއިންޓް 18 ޕޮއިންޓުންނެވެ. ނަމަވެސް ދެވަނަ ސެޓް 25 ޕޮއިންޓް 22 ޕޮއިންޓުން އަދި ތިން ވަނަ ސެޓް 25 ޕޮއިންޓް، 21 ޕޮއިންޓުން ރާއްޖެ އިން ވަނީ ކާމިޔާބުކޮށްފަ އެވެ. އެކަމަކު ހަތަރު ވަނަ ސެޓް ވަރަށް ވާދަވެރި ކުޅުމަކަށް ފަހު 26 ޕޮއިންޓް، 24 ޕޮއިންޓުން މޮރިޝަސްއިން ވަނީ ކާމިޔާބުކޮށްފަ އެވެ. ނަމަވެސް މެޗްގެ ފަސްވަނަ ސެޓް ރާއްޖެ އިން ކާމިޔާބުކޮށްފައި ވަނީ 15 ޕޮއިންޓް ނުވަ ޕޮއިންޓުންނެވެ.
މެޗަށް ފަހު ރާއްޖޭގެ ޓީމުގެ ކޯޗް ޝަރަފު ބުނެފައި ވަނީ މިމެޗް ހެނދުނު ގަޑީގައި ކުޅެން ޖެހުމުގެ ސަބަބުން ފަށައިގަތް ވަގުތު ކުޅުންތެރިންނަށް އުނދަގޫވި ކަމަށާއި ނަމަވެސް ފަހުން އެކަންތައް ހަމައަކަށް އެޅިފައިވާކަމަށެވެ.
"ފުރަތަމަ ފަށައިގަތް ވަގުތު ކޮންމެވެސް ވަރަކަށް ކުޅުންތެރިންނަށް އުނދަގޫވި އެކަމަކު ފަހުން އެކަންތައް ހައްލުވެގެން ދިޔައީ. ވަރަށް ރަނގަޅު ކުޅުމެއް ދެއްކުމަށް ފަހު މެޗުން މޮޅުވީމަ ވަރަށް ބޮޑަށް ހިތްހަމަޖެހޭ." ޝަރަފު ބުންޏެވެ.
އޭނާ އިތުރަށް ބުނެފައި ވަނީ މިހާތަނަށް ކުޅުނު ދެމެޗަކީ މިގްރޫޕުން އެންމެ ޓަފް ދެމެޗްކަމަށާއި އެހެންކަމުން މަޔޯޓޭ އާއި ދެކޮޅަށް ނިކުންނާނީ މެޗުން މޮޅުވެ ސެމީ ފައިނަލުގެ ޖާގައެއް ހޯދުމަށް ކަމަށެވެ.
"މިގްރޫޕްގެ އެންމެ ޓަފް ދެޓީމާއި ދެކޮޅަށް މިކުޅުނީ. އެހެންވީމަ އުންމީދު ކުރަނީ މަޔޯޓޭއަތުން މޮޅޫވެ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ލިބޭނެކަމަށް."
މިމެޗްގައި ދިވެހިރާއްޖޭގެ އަހުމަދު އަބްދުލް ކަރީމްއާއި ސާޖިދު (ކުޑަކާއްޓޭ) ވަނީ ވަރަށް މޮޅު ކުޅުމެއް ދައްކާފަ އެވެ. މިމުބާރާތުގައި ރާޢްޖޭގެ ވޮލީޓީމު މިއަދު ނިކުންނާނީ މަޔޯޓޭއާ ދެކޮޅަށެވެ.