12 Dec 2017, 14:13
ދިވެހި ފިލްމީ ދާއިރާގައި ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ދެމުން އަންނަ ފިލްމް އެވޯޑްސްގެ ޓައިޓްލް ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއަދު ޔޫތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އިރުތިޝާމް އާދަމެވެ. ދިރާގުގެ ފަރާތުން ސޮއިކުރެއްވީ އެކްޓިން ސީއީއޯ އަލީ ރިޔާޒެވެ.
އެރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޔޫތް މިނިސްޓަރު އިތުރިޝާމް ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ދިރާގުގެ ލޯގޯ ބޭނުން ކޮށްގެން ފިލްމު އެވޯޑް މާކެޓް ކޮށް މީޑިއާގައި ސްޓްރެޓެޖީއެއްގެ ގޮތުގައި ބޭނުން ކުރާނެ ކަމަށެވެ. މިއީ ފިލްމީ ދާއިރާއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ބްރޭންޑެއް ގޮތުގަ ދިރާގު އަދި ދިވެހި ފިލްމު އަދި ދިވެހި އުފެއްދުންތައް މާކެޓް ކުރުމަކީ މުހިއްމު ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.
ދާދިފަހުން ނިމިގެންދިޔަ ސާކް ފިލްމް އެވޯޑް ފެސްޓިވަލުން ދިވެހި ބަތަލާ އާއިޝަތު ރިޝްމީ ރަމީޒަށް ލިބުނު ކާމިޔާބީ ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އެހެން ފަންނާނުންނަށްވެސް މިފަދަ ފުރުސަތުތައް ހޯދައިދިނުމަށް އެންސީއޭ އިން މަސައްކަަތް ކުރާ ކަމަށެވެ.
އަށްވަނަ ފިލްމު އެވޯޑްސް އަށް 17 ފިލްމު އަދި ހަތް ކުރު ފިލްމު ހުށަހަޅާފައިވާއިރު ފީޗާ ފިލްމުގެ ބައިން 24 އެވޯޑް އަދި ކުރު ފިލްމުގެ ބައިން އަށް ކެޓަގަރީ އަކުން އެވޯޑް ދޭނެއެވެ. މިފަހަރުގެ އެވޯޑް ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެރޭގައެވެ. މިފަހަރުގެ ފިލްމު އެވޯޑް ހަފްލާ އަކީ ކުލަގަދަ ހަފްލާއަކަށް ވެގެންދާނެ ކަމަށާއި، ފިލްމީ ދާއިރާގެ މަސައްކަތް ސަރުކާރުން ވަޒަން ކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިފަހަރުގެ ފިލްމު އެވޯޑްސްގެ ޖަޖުންގެ ޕެނަލްގައި ހަތް ބޭފުޅަކު ހިމެނޭއިރު ނަތީޖާ އޮޑިޓްކުރަން ހަވާލުކޮށްފައިވަނީ ކްރޯ ހޯވަތް މޯލްޑިވްސް އާއެވެ.
އަށްވަނަ ފިލްމް އެވޯޑްސްގެ ނޮމިނޭޝަންސް ތައް މިރޭ އިއުލާނު ކުރާނެއެވެ. މިފަހަރުގެ އެވޯޑް ހަފްލާގައި ވާދަ ކުރާނީ 2014 އިން ފެށިގެން 2016 އާއި ހަމައަށް ރިލީޒްކޮށްފައި ވާ ފިލްމުތަކެވެ.
ފިލްމު އެވޯޑްސް އަކީ ދިވެހި ފިލްމީ އުފެއްދުން ތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ، އަގު ވަޒަންކޮށް އެކުވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްގީކޮށް ދެމެހެއްތުމުގެ މަގްސަދުގައި ދެމުން އަންނަ ގައުމީ ފެންވަރުގެ އެވޯޑެކެވެ. މީގެ ކުރިން ގައުމީ ފިލްމު އެވޯޑްސް ގެ ނަމުގައި ދެމުން އައި އެވޯޑް މިއަހަރުން ފެށިގެން ދޭނީ ދިވެހި ފިލްމު އެވޯޑްސްގެ ނަމުގައެވެ.