އެމެރިކާގެ އެންމެ ބިޒީ އެއް ސްޓޭޓް، ނިއުޔޯކް ސިޓީގެ ސަބްވޭއެއްގައި ބޮމުގެ ހަމަލާއެއްދީ ތިން މީހަކު ޒަޚަމްކޮށްލައިފިއެވެ.

އެހަމަލާ ދީފައިވަނީ ބަނގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ މީހެއް ކަމަށާއި އޭނާ ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން ކަމަށް ޚަބަރުތައް ބުނެއެވެ.

އިއްޔެ ހެނދުނު ދިން އެ ހަމަލާ ދީފައިވަނީ އައިއެސް ޖަމާއަތުގެ މަދަދު ލިބިގެން ކަމަށް އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ. އެ ހަމަލާދިން މީހާ ސަބްވޭ ސްޓޭޝަނުގައި ހަރަކާތްތެރިވި އިރު އޭނާގެ އަތުން ކަރަންޓު ވައިރާއި ބެޓަރީ ފަދަ ތަކެތި ވަނީ ފެނިފައެވެ. ބޮން ގޮއްވާލި މީހާގެ ޖެކެޓްތެރެއަށް ލާފައި އޮތް ބޮމުން ގޮވާފައި ވަނީ އެއްބައެވެ.

ބޮމުގެ ހަމަލާގައި ޒަހަމްވި މީހުންގެ ތެރޭގައި ފުލުސް އޮފިސަރެއްވެސް ހިމެނެއެވެ.

ފުލުހުން ވަނީ ބޮން ގޮއްވައިލި މީހާ ހައްޔަރުކޮށްފައެވެ. ހަމަލާދިން ސަބްވޭ ސްޓޭޝަން ވަގުތީ ގޮތުން ބަންދު ކުރުމަށްފަހު ފަހުން ވަނީ ޚިދުމަތްދޭން ފަށައިފައެވެ.