ސީޝެލްސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރަމުންދާ ރާއްޖޭގެ ޓީޓީ ޓީމު އިއްޔެ ކުޅުނު ހަތަރު މެޗުން ވެސް ބަލިވެއްޖެ އެވެ.

މެންދުރު ކުރިން މަޑަގަސްކަރަ އާއި ދެކޮޅަށް ދިވެހި ރާއްޖެ ފިރިހެން ޓީމު އިވެންޓްގައި ކުޅުނު މެޗުން ރާއްޖެ ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ. އެންމެ ފަހުގެ ޗެމްޕިއަން މަޑަގަސްކަރައާއި ދެކޮޅަށް ރާއްޖެއިން ކުޅުނު މުންސިފް 3-1 ސެޓުން ބަލިވި އިރު ޝިއުރީ ބަލިވެފައި ވަނީ 3-2 ސެޓުންނެވެ. ފަހު ސެޓްގައި ތަމޫހު ބަލިވެފައި ވަނީ ސީދާ ތިން ސެޓުންނެވެ.

އަންހެން ޓީމު އިވެންޓްގައި މެންދުރު ކުރިން ރިޔޫނިއަންއާއި ދެކޮޅަށް ދިވެހިރާއްޖެ ކުޅުނު މެޗުން ދިވެހިރާއްޖެ ބަލިވެފައި ވަނީ 3-2 ސެޓުންނެވެ. މިމެޗްގައި ރާއްޖޭގެ ޒުވާން ކުޅުންތެރިޔާ ޝިއުރާއާއި މުއީނާވަނީ މިދެކުޅުންތެރިން ކުޅުނު ސިންގަލްސް މެޗްތައް ކާމިޔާބުކޮށްފަ އެވެ. އެގޮތުން މުއީނާއ 3-2 އިން މޮޅުވިއިރު ޝިއުރާވެސް މޮޅުވެފައި ވަނީ 3-2 ގެ ނަތީޖާއަކުންނެވެ.

މެންދުރު ފަހުން މޮރިޝަސްއާއި ދެކޮޅަށް ދިވެހިރާއްޖެ ކުޅުނު އަންހެން ޓީމު އިވެންޓްގައި ރާއްޖެ ބަލިވެފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. އަދި ފިރިހެން ޓީމު އިވެންޓްގައި މޮރިޝަސްއާއި ދެކޮޅަށް ރާއްޖެ ކުޅުނު މެޗުން ރާއްޖެ ބަލިވެފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.