ޗައިނާއާއެކު ރާއްޖެއިން ކުރަން ނިންމާފައިވާ މިނިވަން ވިޔަފާރީގެ ތެރެއިން ޗައިނާ މީހުންނަށް އެއްވެސް އުސޫލެއްނެތި ސަފާރީ އޮޕަރޭޓް ކުރަންދީފިނަމަ އެ އިންޑަސްޓްރީ ހަލާކު ވުމުގެ ފުރުސަތު ބޮޑުކަމަށް ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް)ގެ ނައިބު ރައީސް އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) ވިދާޅުވެއްޖެއެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން ޗައިނާ މީހުންނަށް ސަފާރީ އޮޕަރޭޓް ކުރަން ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ އަޑު ފެތުރެމުންދާއިރު އިއްސެ ވިދާޅުވީ އެކަމަކީ ވަކި އުސޫލު ތަކުގެ ތެރެއިން ކުރަންޖެހޭ ކަމެއް ކަމަށާއި ކޮންމެ ކޮންމެ ގޮތަކަށް އެކަން ދޫކޮށްލައިފިނަމަ މުޅި އިންޑަސްޓްރީ ހަލާކުވެގެންދާނެ ކަމަށެވެ.

"ޗައިނާގެ ސަފާާރީ އުޅަނދުތައް މި އިންޑަސްޓްރީގައި އޮޕަރޭޓް ކުރަން ފެށުމުން ވަރަށް ބޮޑަށް އިންޑަސްޓްރީއަށް އޭގެ ނޭދެވޭ އަސަރު ކުރާނެ. މިވީ 40 އަހަރު ތެރޭގައި މި އިންޑަސްޓްރީގައި އޮތީ 144 އުޅަނދު. ޗައިނާ މީހުންނަށް ހިލޭ ސަފާރި އޮޕަރޭޓް ކުރަން ދިނުމުން އެ އަދަދު އެތައް ގުނައެއް މައްޗަށްއަރައި މުޅި އިންޑަސްޓްރީގެ ކޮލިޓީ ގެއްލިގެންދާނެ،" އިއްސެ ވިދާޅުވިއެވެ.

އިއްސެ ވިދާޅުވީ ޗައިނާ މީހުން ސަފާރީ އިންޑަސްޓްރީއަށް ވަދެއްޖެ ނަމަ އަގުތައް ދަށަށްގޮސް ސަޕްލައިބޮޑުވެ، މާކެޓް ހަލާކުވުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިވީހާތަނަށްވެސް ރާއްޖޭގައި އަމަލުކުރަމުން އައި އުސޫލަކީ 40 އެނދުން ދަށުގެ ސަފާރީއެއްނަމަ އެ އަމިއްލަ ކޮށް އެއޮޕަރޭޓް ކުރެވޭނީ ހަމައެކަނި ދިވެހިންނަށް ކަމަށެވެ. އަދި މިހާރުވެސް ބޭރުގެ ބައެއް މީހުންނަށް ސަފާރީތައް އޮޕަރޭޓް ކުރަންދީފައި އޮތް ނަމަވެސް އުޅަނދުތަކުގެ ވެރިންގެ ގޮތުގައި ތިބޭނީ ދިވެހިން ކަމަށް އިއްސެ ވިދާޅުވިއެވެ.

އިއްސެ ވިދާޅުވީ މިހާރުވެސް ސަފާރީތައް މީހުން ގޮވައިގެން ފީނަން ދާ ސަރަހައްދުތަކާއި ސަފާރީ ބްރޭކްތައްވެސް އޮތީ ތޮއްޖެހިފައިކަމަށެވެ. އަދި މިހާރު ހުރިވަރަށްވުރެ އުޅަނދުތައް އިތުރުކުރާނަމަ ފަތުރުވެރިކަމުގެ ކޮލިޓީވެސް އޮންނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިއްސެ ވިދާޅުވީ ސަފާރީ އޮޕަރޭޓްކުރުމުގެ އިންޑަސްޓްރީއަށް މިހާބޮޑު ބަދަލެއް އަންނާނެ ކަަމެއް ކުރަންނިންމާފައިވާއިރު އެކަން ތަންފީޒު ކުރުމުގެ ކުރިން ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި ގެންނަ ބަދަލެއްގެ ސަބަބުން އެތައް ޒަމާންތަކެއް ވަންދެން ހިންގަމުން އަންނަ ސަފާރީ އިންޑަސްޓްރީ ފުނޑުފުނޑުވެގެންދާން ބޭނުންނުވާ ކަމަށްވެސް އިއްސެ ވިދާޅުވިއެވެ.