12 Dec 2017, 09:27
ހެންވޭރު ކަލާފާނު ހިނގުމުގައި ހުރި ގެއެއްގެ މަތިން މަގުމައްޗަށްވާ ގޮތަށް ބާލާފައި ހުރި ލަކުޑި ފިލައެއްގައި ޖެހި ސީރިއަސް އަނިޔާތަކެއްވި ޒުވާނާގެ އޮޕަރޭޝަނެއްކޮށް، ހާލު ރަނގަޅު ވަމުން އަންނަ ކަމަށް އާއިލާއިން ބުނެފި އެވެ.
އެ ހާދިސާ ހިނގާފައި ވަނީ އިއްޔެ އިރުއޮއްސި 6:20 އެހާކަންހާއިރު އެވެ.
އެ ޒުވާނާގެ އާއިލާއިން ބުނީ ރޭ އޭނާ އޭޑީކޭއަށް ގެންގޮސް ވަގުތުން ފަރުވާދޭން ފަށާފައިވާ ކަމަށާއި އެގޮތުން މޫނުގެ އޮޕަރޭޝަނެއް ރެއިން ރެއަށް ކޮށްފައިވާ ކަމަށެވެ.
އަދި ޑޮކްޓަރުންނާ ހަވާލާދީ އޭނާ ބުނީ ޒަހަމްވި ޒުވާނާގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށެވެ. ނަމަވެސް އޭނާ އަދި ވެސް އޮތީ އޭޑީކޭގެ އައިސީޔޫގަ އެވެ.
އަނިޔާވި ޒުވާނާގެ ބައްޕަ 'ސަން' އަށް ބުނީ، އޭނާގެ ދަރިފުޅު ކަލާފާނު ހިނގުމުން، ސައިކަލުގައި ދުއްވާފައި ދަނިކޮށް ލަކުޑި ބުރީގައި ޖެހި ވިއްސައިގެން ގޮސްފައިވާ ކަމަށެވެ.
ގާތްގަނޑަކަށް ތިން އިންޗި ބޯ، ހައިންޗި ފުޅާ، ދިގުމިނުގައި 15 ވަރަކަށް ފޫޓު ހުންނަ އެ ލަކުޑި ފިލާ ބާލާފައި ވަނީ ކަލާފާނު ހިނގުމުގައި ހުރި 'ސިލްވަ ސޭންޑް" ނަމަކަށް ކިޔާ ގެއިން ކަމަށް އޭނާ ބުންޏެވެ.
އެ ހާދިސާގައި ޒަހަމްވި ޒުވާނާގެ މޫނު މަތިން ކަށިގަނޑު ބިންދައިގެން ގޮސް ކަރާ ދިމާއިން ބޮޑު ތަނެއް ވަނީ ކަފައިގެން ގޮސްފަ އެވެ.
ޒުވާނާ ދުއްވަން އިން ސައިކަލަށް ވެސް ވަނީ އެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. ވެފައިވާ ގެއްލުންތައް އާއިލާއިން ވަނީ 'ސަން'ގެ ނޫސްވެރިންނަށް ދައްކާލައިފަ އެވެ. ސައިކަލުގެ ކަވަރު ފަޅި އެއްކޮށްހެން ވަނީ ހަލާކުވެފަ އެވެ.
އާއިލާއިން ބުނީ ހާދިސާ ހިނގުމުން ފުލުހުންނަށް އެކަން އެންގި ކަމަށާއި ފުލުހުން ސީންއަށް އެޓެންޑްވީ ގަޑިއެއްހާއިރު ފަހުން ކަމަށެވެ.
"6:20ގައި އެކްސިޑެންޓް ހިނގީ. 7:20 ވީ ފަހުން ފުލުހުން އެތަނަށް ހާޒިރުވީ،" އާއިލާއިން ބުންޏެވެ.
ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ހާދިސާ ފުލުހުންނަށް ރިޕޯޓު ކުރިތާ ހަތް މިނެޓްގެ ތެރޭގައި ފުލުހުން ސީންއަށް އެޓެންޑްވެފައިވާނެ ކަމަށެވެ. އަދި ހާދިސާއެއް ރިޕޯޓު ކުރުމުން ފުލުހުން އަމަލުކުރާ ޕްރޮސީޖާގެ ތެރެއިން ހޮސްޕިޓަލަށް ވެސް ފުލުހުން އެޓެންޑްވެފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.