ކާމިޔާބު އެކްޓަރު ޝާހިދު ކަޕޫރުގެ އެއްބަނޑު ކޮއްކޮ އިޝާން ކައްޓަރު އަދި ސްރީދޭވީ އާއި ބޯނީ ކަޕޫރުގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރު އާ އެކު ފިލްމު 'ދަޅަކް'ގެ ޝޫޓިންގް ކާމިޔާބު ކަމާއެކީ ކުރިއަށްދާއިރު ޖާންވީގެ މަންމަ އޭނާ އަށް ތައުރީފު ކޮށްފި އެވެ.

ސްރިދޭވީ ބުނީ ޖާންވީ އަކީ އަބަދު ވެސް ކަންކަމާ ކެރިގެން ކުރިމަތިލާ ކުއްޖެއް ކަމަށާއި ޖާންވީގެ މަސައްކަތާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.

"ދަޅަކް ފިލްމާ މެދު ވަރަށް ހިތްނުތަނަވަސްވޭ. އަލަށް ދޯ ފިލްމެއްގެ މަސައްކަތް ކުރަނީ. އުފާވެސްވޭ ޖެހިލުން ވެސްވޭ. ކޮންމެ ގޮތެއް ވިޔަސް ޖާންވީ އަކީ މަސައްކަތްތެރި ކުއްޖެއް،" އޭނާ ބުންޏެވެ.

'ދަޅަކް' އަކީ މިދިޔަ އަހަރު ރިލީޒް ކުރި ކާމިޔާބު މަރާޓީ ފިލްމު 'ސައިރާތު'ގެ ރީމޭކް އެކެވެ. 'ސައިރާތު' އަށް ވަނީ މުޅި އިންޑިއާގައި ވެސް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ. އެއީ މަސްވެރިއެއްގެ ފިރިހެން ދަރިފުޅާއި ސިޔާސީ ލީޑަރެއްގެ އަންހެން ދަރިފުޅާ ދެމެދު އުފެދޭ ލޯބީގެ ގުޅުމުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

'ސައިރާތު' ބިނާ ކޮށްފައި ވަނީ މަހަރާޝްތްރަގައި ހިނގި ލޯބީގެ ހާދިސާއަކަށް ނަމަވެސް 'ދަޅަކް'ގައި ފެނިގެންދާ ލޯބިގެ ވާހަކަ ނިސްބަތް ވަނީ ރާޖަސްތާނަށެވެ.

ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ ޖުލައި މަހުގެ ހަ ވަނަ ދުވަހު އެވެ.