09 Aug 2011, 13:00
ސީޝެލްސްގައި މިހާރު ކުރިއަށްދާ އަށްވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ރާއްޖާގެ ޤައުމީ ބާސްކެޓްބޯޅަ ޓީމު ކުޅުނު ދެ ވަނަ މެޗުން ވެސް ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެ މުބާރާތުން ކަޓައިފި އެވެ.
ވިކްޓޯރިއާ ޖިމްނޭޒިއަމްގައި މުބާރާތް ބާއްވާ ސީޝެލްސްއާއި ދެކޮޅަށް ކުޅުނު މެޗުން ދިވެހިރާއްޖެ ބަލިވެފައިވަނީ 119 ޕޮއިންޓް 51 ޕޮއިންޓުންނެވެ.
މިމެޗަށް ފަހު ރާއްޖޭގެ ޓީމުގެ ކޯޗް ނާހިދު ބުނެފައި ވަނީ މިރީޖަނަކީ ރާއްޖެ އަށް ވާދަކުރެވޭ ވަރަށް ވުރެ ވަރުގަދަ ޓީމުތަކެއް ހިމެނޭ ރީޖަނެއް ކަމަށާއި ރާއްޖެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެ މުބާޜާތުން ކެޓީ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކަމުން ކަމަށެވެ.
"މިއީ ހަމަ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކަމުން ނިކުތް ނަތީޖާއެއް. އިދިކޮޅަށް ނިކުތް ޓީމުގައި ތިބީ ވަރަށް ވަރުގަދަ ބިޔަ ކުޅުންތެރިން. ރާއްޖޭގެ ކުޅުންތެރިންނާ އަޅާބަލާ އިރު ހުރިހާ ގޮތަކުން ވެސް އެމީހުން ވަރުގަދަ." ނާހިދު ބުންޏެވެ.
އޭނާ އިތުރަށް ބުނެފައި ވަނީ ދިވެހި ޓީމުން ދެން ބަލާނީ ސަރަޙައްދީ މުބާރާތްތަކުގައި ރަނގަޅު ނަތީޖާތަކެއް ހޯދުމަށް ކަމަށެވެ.