ހޯމް މިނިސްޓްރީގެ ހުއްދައަކާ ނުލައި ކައުންސިލުތަކުން ޑިޕްލޮމެޓުންނާ ބައްދަލު ނުކުރުމަށް އަންގައި އެ އޮތޯރިޓީން ސާކިއުލާއެއް ނެރެފި އެވެ.

އެލްޖީއޭ އިން ސާކިއުލާ ނެރެފައި މިވަނީ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ ގއ. އަތޮޅުގެ ކައުންސިލަރުންނާ ބައްދަލުކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ. އަދި އިނގިރޭސި ސަފީރު ޖޭމްސް ދޯރިސް ގދ. އަތޮޅުގެ ކައުންސިލަރުންނާ ބައްދަލުކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ.

އެލްޖީއޭގެ ސާކިއުލާގައި ބުނެފައި ވަނީ ގާނޫނު އަސާސީއާއި ސުޕްރީމް ކޯޓުގެ ނިންމުމާ ހިލާފަށް ބައެއް ކައުންސިލުތަކުން ބޭރުގެ ޑިޕްލޮމެޓުންނާއި ޖަމިއްޔާ ޖަމާއަތްތަކުގެ މެމްބަރުންނާ ބައްދަލު ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ލޯކަލް ކައުންސިލުތަކަކީ ސަރުކާރުގެ ހިދުމަތުގެ ފަށަލައެއް ކަމަށް ވެފައި ކައުންސިލުތަކުގެ އަމަލުތަކާއި ކުރައްވާ މުއާމަލާތްތައް ރައްދުވާ ފަރާތަކީ ދިވެހި ސަރުކާރު،" އެލްޖީއޭގެ ސާކިއުލާގައި ބުނެފައިވެ އެވެ.

ބޭރުގެ އެކިއެކި ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ކައުންސިލުތަކުން ބައްދަލު ކުރަމުންދާ ނަމަ ރާއްޖޭގެ ޚާރިޖީ އަދި ދާހިލީ ސިޔާސަތުތަކަށް ބުރޫއަރާ ރާއްޖޭން ބައިވެރިވެފައިވާ މުއާހަދާތަކާއި އެއްބަސްވުންތަކާ ފުށޫއަރާ ގޮތް ވެދާނެ ކަމަށް ސާކިއުލާގައި ވަނީ ބުނެފަ އެވެ.

"އެހެންކަމުން އެއްވެސް ހާލަތެއްގައި ލޯކަލް ކައުންސިލުތަކުން ބޭރުގެ އެކިއެކި ދައުލަތްތަކާއި ނުވަތަ ޖަމިއްޔާ ޖަމާއަތްތަކާއި ނުވަތަ އެފަރާތްތަށް ތަމްސީލުކުރާ ފަރާތްތަކާ މުއާމަލާތްކުރައްވަން ވާނީ ނުވަތަ ބައްދަލު ކުރަން ވާނީ ހޯމް މިނިސްޓްރީގެ ހާއްސަ ހުއްދައެއް ހޯއްދެވުމަށް ފަހު،" ސާކިއުލާގައި ބުނެފައިވެއެވެ.

ސާކިއުލާގައި، ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (މ) އާ ހަވާލާދީ ބުނެފައި ވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ހިނގާ ނުހިނގާ ގޮތް ބަލައި ސިޔާސަތު ކަނޑައަޅާ ހިންގުމާއި ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކާ ގުޅުން ގާއިމްކޮށް ދެމެހެއްޓުމަކީ ރައީސްގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

އަދި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމަކާ ހަވާލާދީ ބުނެފައި ވަނީ ލޯކަލް ކައުންސިލްތައް ހިނގަން ވާނީ ދައުލަތުގެ މަރުކަޒީ ބާރުގެ ދަށުން ކަމަށެވެ.

އެލްޖީއޭގެ އެ ސާކިއުލާއަށް އަމަލު ނުކުރައްވާ ފަރާތްތަކާ މެދު "ކައުންސިލުން ކުރާ ގާނޫނާ ހިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަ ކުރުމުގެ އުސޫލު"ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާއާ ބައްދަލު ކުރެއްވި ގއ. އަތޮޅު ކައުންސިލުގެ ނައިބު ރައީސް އަހުމަދު ނަޒްމީން ވިދާޅުވީ އެލްޖީއޭއިން ސާކިއުލާ ނެރެ އަންގަން ޖެހޭނީ ކަމެއް ހިނގުމުން ނޫން ކަމަށެވެ.

"އެކަހަލަ ކަންކަމާ ގުޅިގެން މަނާ ކަމެއް ނަމަ އޮންނަން ޖެހޭނީ ގަވާއިދުތަކާއި އުސޫލުތަކާ ހެދިފައި. ކަމެއް ހިނގީމާ ސާކިއުލާ މި ނެރެނީ،" ނަޒްމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލު ކުރަނީ ވަކި ސިޔާސީ ފިކުރެއް ހުރެގެން، ވަކިބަޔަކާ ދެކޮޅަށް މަސައްކަތް ކުރަން ނޫން ކަމަށާއި ރަށަށް ފައިދާ ހުރި ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ކަމަށެވެ.

އަކިލޭޝް މިޝްރާގެ އިތުރުން އިނގިރޭސި ވިލާތުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ވަނީ ގދ. އަތޮޅަށް ވަޑައިގެންފަ އެވެ.

އެލްޖީއޭ އިން ސާކިއުލާ ނެރެފައިވާއިރު ރާއްޖެއަށް އަންނަ ހެޔޮ ބަދަލުތައް ފެނި އަވަށްޓެރި ގައުމުތަކުން ހަސަދަވެރިވާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވަނީ ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ވިދާޅުވެފަ އެވެ.

ހަމަ އެ ޖަލްސާގައި އިންޑިއާ ސަފީރަށް އިޝާރަތް ކުރައްވައި ވެސް ރިޔާޒު ވަނީ ފާޑު ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ހުންނަވާ ބޮޑު ގައުމެއްގެ ސަފީރަކު ކައުންސިލްތަކުގެ މެމްބަރުންނާ ބައްދަލުކޮށް ކައުންސިލްތައް ހިނގާ ނުހިނގާ ގޮތް ބަލަމުން އަންނަ ކަމަށާއި ނަމަވެސް އެއީ ސަފީރުގެ މަސްއޫލިއްޔަތެއް ނޫން ކަމަށެވެ.

ރިޔާޒު އެހެން ވިދާޅުވީ ބައެއް އަތޮތަކާއި ސިޓީތަކަށް ވަޑައިގެން އަކިލޭޝް ކައުންސިލަރުންނާ ބައްދަލު ކުރައްވަމުން ދާތީ އެވެ.

އަކިލޭޝް ވަނީ އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފާއި އޭނާގެ އަނބިކަނބަލުންނާ ބައްދަލުކުރައްވާފަ އެވެ. އަދި ފުވައްމުލަކަށް ވަޑައިގެން އެ ސިޓީގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފާ ވެސް ބައްދަލު ކުރެއްވި އެވެ.

ހދ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އާތިފާއި އެކައުންސިލްގެ މެމްބަރުންގެ އިތުރުން އއ. އުކުޅަހާއި ގއ. އަތޮޅު ކައުންސިލްގެ މެމްބަރުންނާ ވެސް ސަފީރު ވަނީ ބައްދަލުކުރައްވާފަ އެވެ.