11 Dec 2017, 20:58
ކައިވެނީގެ ވާހަކަތައް ދޮގުކުރުމަށް ފަހު، އިންޑިއާގެ ކްރިކެޓް ޓީމް ކެޕްޓަން ވިރާތު ކޯލީއާއި ބޮލީވުޑް ބަތަލާ އަނުޝްކާ ޝަރްމާ މިއަދު ކައިވެނި ކޮށްފިއެވެ.
ކައިވެނި ކުރިކަން ދެމީހުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ޓުވިޓާ މެދުވެރިކޮށް އަނުޝްކާ އަދި ވިރާތު ވެސް ވަނީ ކައިވެނީގެ ފޮޓޯ އާއި ވީޑިއޯ ހިއްސާ ކޮށްފައެވެ.
ދެމީހުން ކައިވެނި ކޮށްފައި ވަނީ އިޓަލީގެ މިލާންގައި ބޭއްވި ވަރަށް ޕްރައިވެޓް ހަފްލާ އެއްގައެވެ. މިއަދު ހެނދުނު ކުރިއަށް ދިޔަ ކައިވެނީގެ ހަފްލާގައި ބައިވެރިވީ ދެފަރާތުގެ އާއިލާ އާއި ގާތް ރަހުމަތްތެރިން އެކަންޏެވެ.

ދެމީހުން އާއިލާ އާއެކު އިޓަލީއަށް ފުރާފައި ވަނީ ކައިވެނި ކުރުމަށް ކަމަށް ރިޕޯޓު ކުރި ނަމަވެސް، އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ދެމީހުން ވަނީ ރިޕޯޓުތައް ދޮގުކޮށްފައެވެ.
ނަމަވެސް ކައިވެނީގެ ޚަބަރު ހިއްސާކޮށްފައި ވަނީ ވަރަށް އުފަލުންނެވެ. އަދި އެންމެންގެ ފަރާތުން ލިބޭ ލޯތްބާއި އެއްބާރުލުމަށް ދެމީހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ވިރާތު އާއި އަނުޝްކާ ކައިވެނި ކޮށްފައި މިވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ގާތްގަނޑަކަށް ފަސް ވަރަކަށް އަހަރު ފަހުންނެވެ. ނަމަވެސް ދެމީހުން ދުވަހަކު ވެސް ގުޅުމަށް އެއްބަސްވެފައެއް ނުވެއެވެ.