މީގެ ކުރިން ފެނިފައިނުވާ ބިންގަރާސްތަކެއް މިސްރުގެ ނީލަ ކޯރުގެ އައްސޭރިން ފެނިއްޖެއެވެ.

މި ބިންގަރާސްތައް ފެނިފައިވަނީ ކުރީގެ ގަބުރުސްތާނެއް ކައިރިންނެވެ. އެތަނަކީ 3500އަށް ވުރެ ގިނަ އަހަރު ވެފައިވާ ތަނެއް ކަމަށާއި މި ބިންގަރާސްތަކުން ދެ "މަމީ" އާއި މަހާނަތަކެއް ފެނިފައިވާ ކަމަށް ހަބަރުތައް ބުނެއެވެ. ބިންގަރާހުން ފެނުނު މަމީ އަކީ ކާކުކަން ކަށަވަރު ނުކުރެވުނު ނަމަވެސް އެއީ "މާޓީ" ކިޔާ މީހެއް ކަމަށް ލަފާ ކުރެވޭ ކަމަށް މިސްރުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

މިސްރުން ފެނުނު ބިންގަރާހުގައި ހުރި ކުރެހުމެއް --

އެ ބިންގަރާސްތަކުން ފެނުނު ތަކެތީގެ ތެރޭގައި ގަދީމީ ޒަމާނުގައި މިސްރުގައި ގެންގުޅުނު އާލާތްތައް ހިމެނެއެވެ. އެތަނުން ފެނުނު ތަކެތީގެ ތެރޭގައި ބުދާއި، ހިފައި ގެންގުޅޭ ބައެއް އާލާތްތައް ހިމެނެއެވެ. މީގެ އިތުރުން ބިންގަރާހުގެ ފާރުތަކުގައި ގަދީމީ ޒަމާނުގައި މިސްރުން ފެންނަ ފަދަ ކުރެހުންތައްވެސް ހުއްޓެވެ.

ގާތްގަނޑަކަށް 51 މީޓަރު ފުޅާ، 32 މީޓަރު ދިގު މި ބިންގަރާސް ފެނުނު ސަރަހައްދުން ގަދީމީ ޒަމާނުގެ އާސާރީ ތަންތަން ނުވަތަ ތަކެތި ފެންނާނެ ކަމަށް މިސްރުގެ ކަމާބެހޭ ފަރާތްތަކުން މީގެ ކުރިންވެސް ވަނީ ލަފާކޮށްފައެވެ.

މި ތަނަކީ މިސްރުގެ ކުރީގެ ފިރުއައުނުންނާއި ރަސްމަތިފުށުގެ މީހުން ވަޅުލާފައިވާ ސަރަހައްދަކާ ކައިރި ހިސާބަކުން ފެނުނު ބިންގަރާސްތަކެކެވެ.

މިސްރުން ފެނުނު ބިންގަރާހުގައި ހުރި ބުދެއް

މިސްރުގެ ކަމާބެހޭ ފަރާތްތަކުން ބުނީ މި ތަން އެންމެ ފުރަތަމަ ފެނިފައިވަނީ 1990 ވަނަ އަހަރު ޖަރުމަނުގެ އާކިއޮލޮޖިސްޓަކަށް ކަމަށާއި މިއަދާ ހަމައަށްވެސް އެތަން ފެނުނު ކަން ސިއްރު ކޮށްފައި އޮތީ ކަމަށެވެ.

މިސްރުން ފެނުނު ބިންގަރާހުން ފެނުނު ބައެއް ތަކެތި

އަލަށް ފެނުނު ބިންގަރާހާއެކު މިސްރުގެ ޓުއަރިޒަމަށް އިތުރު ކުރިއެރުން އަންނާނެ ކަމަށް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރެއެވެ.