09 Aug 2011, 12:54
ގައުމީ ޕެންޝަން ސްކީމް، މޯލްޑިވްސް ރިޓައަމެންޓް ޕެންޝަން ސްކީމްގައި ހުރިހާ ރިސޯޓަކުން ބައިވެރިވެ ފައިސާ ދައްކަމުން ދިޔައިރު ވެސް ފައިސާ ނުދައްކައި އޮތް ލިލީ ގުރޫޕުގެ ދެ ރިސޯޓުން މުވައްޒިފުންގެ ޕެންޝަނަށް ފައިސާ ދައްކަން ފަށައިފި އެވެ.
ޕެންޝަން އޮފީހުގެ ޑިރެކްޓާ އިބްރާހިމް ސުޖާއު މިއަދު ވިދާޅުވީ މި މަހުން ފެށިގެން ޕެންޝަން ފަންޑަށް ފައިސާ ނުދައްކާ އޮތް ލިލީގެ ލިލީ ބީޗާއި އައިލެންޑް ހައިޑަވޭ އިން މުވައްޒިފުން ރަޖިސްޓްރީކޮށް ފައިސާ ދައްކަން ފަށާފައިވާ ކަމަށެވެ.
ނަމަވެސް އެ ދެ ރިސޯޓުން ދެއްކީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ސުޖާއު ވިދާޅެއްނުވި އެވެ.
އޭނާ ވިދާޅުވީ މުވައްޒިފުން ގެންގުޅޭ ކުންފުނިތަކުން މޭ މަހުން ފެށިގެން މުވައްޒިފުންގެ ޕެންޝަން ފައިސާ ޖަމާނުކުރާ ނަމަ ޖޫރިމަނާ ވަމުން ދާނެ ކަމަށާއި އެ ޖޫރިމަނާ މާފުކުރެވެން ނޯންނާނެ ކަމަށެވެ.
"އަޅުގަނޑުމެން ގާނޫނުގެ ދަށުން ނަގާ ޖޫރިމަނާއެއް އެއީ. އެހެންވީމާ ނޯންނާނެ އެކަން ލަސްކޮށްލެވޭނެ އަދި މާފުކުރެވޭނެ ގޮތެއްވެސް،" ސުޖާއު ވިދާޅުވި އެވެ.
ލިލީގެ ދެ ރިސޯޓުގެ މުވައްޒަފުންގެ ނަމުގައި ޕެންޝަން ސުކީމަށް ފައިސާ ދެއްކިއަސް، އަދިވެސް މުވައްޒިފުންގެ ޕެންޝަނަށް ފައިސާ ދައްކަމުން ކުންފުނިތައް ހުރި ކަމަށާއި އެ ކުންފުނިތަކުން ޕެންޝަން ސްކީމްގައި ބައިވެރި ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ސުޖާއު ވިދާޅުވި އެވެ.
މަހަކު 50 މިލިއަން ރުފިޔާ ވަންނަ ސްކީމްގައި މިހާރު ވެސް ސަރުކާރާއި އަމިއްލަ ކުންފުނިތަކާ އެކު 70000 މުވައްޒިފުން ޕެންޝަން ސްކީމަށް ފައިސާ ދައްކަ އެވެ.
ރިޓަޔާމަންޓް ސޭވިންގް އެކައުންޓަށް ޖަމާކުރާ ފައިސާ ލިބޭނީ އެ މީހެއްގެ އުމުރުން 65 އަހަރުވުމުން މަހުން މަހަށް ލިބޭ ފައިސާގެ ގޮތުގަ އެވެ.