23 May 2010, 05:38
19:00
ގުއަންޓަނާމޯބޭ ޖަލުން ބަޔަކު ރާއްޖެ ގެނައުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، އެކަމާ ބެހޭ މައުލޫމާތު ސާފުކުރުމަށްޓަކައި، ފޮރިން މިނިސްޓަރ ޑރ.އަހްމަދު ޝަހީދާއި، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މަސްއޮޑި އަހްމަދު ނަސީމާއި، އެޑިޝަނަލް ސެކްރެޓަރީ އައިޝަތު ލިއުޝާ ޒާހިރާއި އެޓާނީ ޖެނެރަލް ހުސްނު ސުއޫދުގެ އިތުރުން ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ، ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ފަސީހާއި، އެމްއެންޑީއެފްގެ ޗީފް މޭޖަރ ޖެނެރަލް މޫސާ އަލީ ޖަލީލާއި، އެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިސްވެ ހުންނެވި ފަރާތް، ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހާޒިރު ކުރުމަށް އެކޮމިޓީން މިއަދު ނިންމައިފި އެވެ.
ގުއަންޓަނާމޯބޭ ޖަލުން ބަޔަކު ރާއްޖެ ގެނައުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، އެއީ ގައުމީ ބޮޑު މައްސަލައެއް ކަމަށާއި، އެކަމާ ބެހޭ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް އެނގެންޖެހޭނެތީ އެކަމާބެހޭ މައުލޫމާތު އޮޅުން ފިލުވައިދިނުމަށް އެދިވަޑައިގެން ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅިގެން ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ވަނީ ބާއްވައިފަ އެވެ. މި ބައްދަލުވުމުގައި، މައްސަލަ ހުށަހެޅުއްވުމަށް ކޮމިޓީގެ މުގައްރިރު، މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީނު ދެއްވި ފުރުސަތުގައި މައްސަލަ ހުށަހަޅުއްވަމުން އަލީ ވަހީދު ވިދާޅުވީ، މިކަމާ ބެހޭގޮތުން ފޮރިން މިނިސްޓްރީން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވި ސިޓީގައި، ޖަލުން ބައެއް މީހުން ރާއްޖެ ގެނައުމަށް މަޝްވަރާކުރެވި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި މި މައްސަލަ ހުށަހަޅަންޖެހުނީ އެކަމުގައި ގާނޫނުތަކުގެ މައްޗަށް ރިއާޔަތް ކުރެވިފައި ވާވަރު ކޮމިޓީއަށް އެނގިފައިނުވުމާއި، އެފަދަ ކަމެއްގައި އެއްބަސްވުމަކަށް އާދެވެންޖެހޭނީ ދާންވާ ހަމަތަކުގެ ތެރެއިން، ކަމަށް ވިޔަސް، ސިއްރިޔާތުގައި އެކަން ހިނގާފައިވާތީ ކަމަށް ވެސް ވިދާޅުވި އެވެ. އަދި މިކަމާ ބެހޭ މައުލޫމާތު އޮޅުން ފިލުވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާ ހަމައިން ކޮމިޓީއަށް ހާޒިރުކުރަން ޖެހުނު ނަމަ އެކަން ކުރެއްވުމަށް ވެސް އަލީ ވަހީދު އެދިވަޑައިގެންނެވި އެވެ.
ޔާމީން ވިދާޅުވީ، މި މައްސަލަ ކޮމިޓީއަށް ހުށަހެޅުމާ ގުޅިގެން އެކަމާބެހޭ މައުލޫމާތު ކޮމިޓީއަށް ހޯދުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ސިޓީ ފޮނުވާފައިވާނެ ކަމަށެވެ. އަދި އޭގެ ތެރެއިން އެޓާނީ ޖެނެރަލް ހުސްނު ސުއޫދު އެ މައްސަލައިގައި ރައީސް ނަޝީދަށް ދެއްވާފައިވާ ލަފާ ހޯދުމަށް ފޮނުވި ސިޓީގެ ޖަވާބު ލިބިފައިނުވާ ކަމަށާއި، އެކަމާ ބެހޭގޮތުން އިމިގްރޭޝަނާ ވާހަކަ ދެކެވިފައި ވަނީ އަނގަބަހުން ކަމަށް އެފަރާތުން ބުނެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ފޮރިން މިނިސްޓްރީއަށް ފޮނުވި ސިޓީގެ ޖަވާބުގައި، އެކަމާބެހޭ ހުރިހާ ލިޔެކިއުންތަކެއް ހުންނާނީ މިނިސްޓަރ ޑރ. އަހްމަދު ޝަހީދުގެ އަތްޕުޅުގައި ކަމަށާއި، އެކަމާބެހޭ ރަސްމީ އެއްވެސް ނިންމުމެއް ނިންމާފައިނުވާ ކަމަށް، ސްޓޭޓް މިނިސްޓަރ އަހްމަދު ނަސީމް ސިޓީއަކުން ވިދާޅުވެފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ތޯރިގު ވިދާޅުވީ، މިކަމަކީ ސިޔާސީ ކުރިއެރުމެއް ހޯދުމަށް ޑީއާރުޕީން ކުރާ މަސައްކަތެއް ކަމަށެވެ. އެހެންކަމުން މިކަމާބެހޭ މައުލޫމާތަކީ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ މައުލޫމާތެއް ކަމަށް ވިދާޅުވެ ލިއުންތަކާއެކު ފޮރިން މިނިސްޓަރ ޑރ. ޝަހީދު ވަގުތުން ކޮމިޓީއަށް ހާޒިރު ކުރެއްވުމަށް ތޯރިގު ހުށަހެޅުއްވި އެވެ.
މި މައްސަލަ ހުށަހެޅުއްވި އަލީ ވަހީދުގެ ފިކުރަށް ތާއީދު ކުރައްވައި ބައެއް މެންބަރުން ވިދާޅުވީ، ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ އެޑިޝަނަލް ސެކްރެޓަރީ އާއި ސްޓޭޓް ފޮރިން މިނިސްޓަރު ފޮނުއްވި ސިޓީގައި ދެ ގޮތަށް ލިޔުއްވާފައިވާތީ އެ ކަމުގެ ފަހަތުގައި ސިއްރު އެހެން ކަންތައްތަކެއް ހިމެނޭ ކަމަށެވެ. އަދި އެމެރިކާ އަކީ ބިން އޮތް ބޮޑު ގައުމަކަށް ވެފައި އެފަދަ މީހުން އެމެރިކާގެ ބެލުމުގެ ދަށުގައި ރާއްޖޭގައި ބޭއްތިބިގެން ނުވާނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި އެފަދަ ޖަލަކަށް ލާނީ ކުށެއް ކޮށްގެން ކަމަށާއި ކޮންމެ ގޮތެއް ވިޔަސް އެއީ ކުށްވެރިންތަކަކަށް ވާއިރު ރާއްޖެ ގެނެވިގެން ނުވާނެ ކަމަށާއި، އެފަދަ މީހުން ގެނަސް އެމެރިކާ ބޭނުން ގޮތަކަށް އެހެން ގައުމަކަށް ނުދެވޭނެހެން ރާއްޖޭގައި ބެއިތިއްބިގެން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް މި މައްސަލައަކީ ސިޔާސީ މައްސަލައަކަށް ހެދުމަށް ޑީއާރުޕީން މަސައްކަތްކުރަމުންދާ ކަމަށް އެމްޑީޕީގެ މެންބަރުން ވަނީ ތުހުމަތު ކުރައްވައިފަ އެވެ. ނަމަވެސް ގުއަންޓަނާމޯ ބޭ ޖަލުން މީހުން ގެންނަ މައްސަލައިގައި ހުރިހާ ކަމެއްގައި ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގައި 11 މެމްބަރުން ހިމެނިވަޑައިގަންނަވާއިރު މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި އަށް މެންބަރުންގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ އާއި މަނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ތާރިގު ހިމެނިވަޑައިގަންނަވަ އެވެ. ޑީއާރުޕީ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެމްބަރުން މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި އެވެ. އަލީ ވަހީދާއި ޔާމީންގެ އިތުރުން އޭގެ ތެރޭގައި ހިމެނިވަޑައިގަންވަނީ، ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި، މަތިވެރި ދާއިރާގެ މެންބަރު ހުސެއިން މުހައްމަދާއި، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމުގެ އިތުރުން ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އެވެ.
މެންދުރު 11 ޖެހީއްސުރެ އެއްގަޑި ދިހަޔަކާ ހަމައަށް ކުރިއަށްދިޔަ މި ބައްދަލުވުން ނިންމަވާލައްވަމުން ކޮމިޓީގެ މުގައްރިރު ވިދާޅުވީ، ކޮމިޓީއަށް ހާޒިރުކުރަންޖެހޭ ހުރިހާ ފަރާތްތަކަށް ދަންނަވައިގެން އެބޭފުޅުން މާދަމާ ވެސް ކޮމިޓީއަށް ހާޒިރު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.