ށ. މިލަންދޫ ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކަމަށްބުނާ މައްސަލަ ތަހުގީގުކުރުމަށްފަހު އެރަށު ބޮޑު ކަތީބުގެ މައްޗައް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވައިފިއެވެ.

އޭސީސީން ބުނީ، އެ މަސައްކަތަށް ހުށަހަޅާފައިވާ ބިޑުތައް އިވެލުއޭޓްކުރި މެމްބަރުން އަދި މިލަންދޫ އޮފީހުގެ އޭރުގެ ބޮޑުކަތީބުގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވާނެ ކަމަށާއި، އޭރުގެ ބޮޑުކަތީބު މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިންކަމަށް ބެލެވޭ ވަރަށް ހެކި ލިބިފައިވާތީ ދައުވާ ކުރުމަށް ފޮނުވާފައިވާ ކަމަށެވެ.

ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނުނު) ގެ 25 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގެ ދަށުން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން އެފަރާތްތަކުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކުރުމަށްޓަކައި އެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރެލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ ހދ. ކުޅުދުއްފުށީ އޮފީސް ފިޔަވައި ހދ. އަތޮޅުގެ ރަށު އޮފީސްތަކާއި، ހއ. އަތޮޅާއި ށ. އަތޮޅު އޮފީހާއި ރަށު އޮފީސްތަކުގެ ސެކިއުރިޓީ ބެލެހެއްޓުން އައުޓްސޯސް ކުރުމަށް މިލަދުންމަޑުލު އުތުރުބުރީ އަތޮޅު އޮފީހުން ރަށު އޮފީސްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަށް އެންމެ ފަހުން ކުރި އިއުލާނާ ގުޅިގެން މިލަންދޫ އޮފީހުގެ ސެކިއުރިޓީ ބެލެހެއްޓުމަށް 14 ފަރާތަކުން މައުލޫމާތު ސާފުކޮށް 08 ފަރާތުން ހުށަހެޅި ބިޑްތައް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކޮށްފައިވާ ކަމަށާއި އިވެލުއޭޓްކުރުމުގައި އަގަށާއި ކަމަށް އެކަށޭނަ މިންވަރަށް ހުށަހަޅާފައިވާ ބިޑްގެ ފުރިހަމަކަމަށް މާކުސް ދިނުމުގައި ބަލާފައިވާނީ ކޮން އުސޫލަކަށްކަން އެނގޭކަށް ނެތްކަމަށެވެ.

އަދި އަގަށް މާކުސް ދިނުމުގައި އާންމު އުސޫލާ ހިލާފަށް އިވެލުއޭޝަން ކޮމިޓީގެ މެންބަރުން ހިތުހުރި ވަރަކަށް މާކުސް ދީފައިވާކަން ފާހަގަކުރެވޭ ކަމަށް އޭސީސީ އިން ބުންޏެވެ.