އަންނަ އަހަރުގެ ކުރީ ކޮޅުު ސައުދީ އަރަބިއާ ގައި ސިނަމާތައް ހިންގުމުގެ ހުއްދަ ދޭން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ސައުދީގެ ސިނަމާތައް ބަންދުކޮށްފައި ހުންނަތާ 35 އަހަރު ފަހުން ސިނަމާތައް ހުޅުވުމުގެ ހުއްދަ ދޭން ނިންމާފައިވާކަން އެ ގައުމުގެ މިނިސްޓްރީ އޮފް ކަލްޗާ އެންޑް އިންފޮމޭޝަން އިން ވަނީ ބުނެފައެވެ. އެ މިނިސްޓްރީން ބުނީ މާޗް ހިސާބުގައި ސިނަމާތައް ހުޅުވޭވަރު ވާނެކަމަށެވެ.

ކޮމާޝަލް ސިނަމާތަކަށް ލައިސަންސް ދިނުމާގުޅޭ މަޝްވަރާތައް މިހާރުވެސް ކުރަމުންދާކަމަށް ސައުދީގެ ކަލްޗާ އެންޑް އިންފޮމޭޝަން މިނިސްޓަރު އައްވާދް ބިން ސާލިހް ވަނީ ވިދާޅުވެފައެވެ.

ސިނަމާއެއް. 35 އަހަރު ފަހުން ސައުދީގައި ސިނަމާ ހުޅުވުމުގެ ހުއްދަ ދޭން ވަނީ ނިންމާފައި ---

ސައުދީގައި ސިނަމާތައް ހުޅުވުމުގެ ހުއްދަ ދޭން ނިންމާފައިވާއިރު ސިނަމާތައް ހުޅުވުމުން އެގައުމުގެ އިގްތިސާދަށާއި ސަގާފަތަށް ކުރިއެރުން އަންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. 2030ގެ ނިޔަލަށް ސިނަމާތަކުގެ ސަބަބުން 30000 ދާއިމީ ވަޒީފާ އަދި 130000 ވަގުތީ ވަޒީފާ އުފެދޭނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

ސިނަމާތަކުގައި ދައްކާނީ އެގައުމުގެ ސަގާފަތާ، އިންފޮމޭޝަން ޕޮލިސީ އާ ފުށުނާރާ ފިލްމުތައްކަމަށް ކަލްޗާ އެންޑް އިންފޮމޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. ސައުދީގައި ސިނަމާ ހުޅުވުމުގެ ހުއްދަ ދިނުމާއެކު 300 އަށް ވުރެ ގިނަ ސިނަމާ ހުޅުވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.