11 Dec 2017, 16:24
އިންޑިއާގެ ހަރްޔާނާ އަވަށުގައި ފަސް އަހަރުގެ އަންހެއްކުއްޖެއް ރޭޕްކޮށް މަރާލާފައި އޮއްވައި ފެނިއްޖެއެވެ.
އެކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައެވެ. ކުއްޖާގެ އާއިލާ އާ ހަވާލާދީ އިންޑިއާގެ ނޫސްތައް ބުނާގޮތުން އެ ކުއްޖާ ފެނުނު އިރު އޮތީ ވަރަށް ބޮޑަށް އަނިޔާކޮށްގެން މަރާލާފައެވެ.
ޚަބަރުތައް ބުނާގޮތުން އެކުއްޖާ ރޭޕްކޮށްފައިވަނީ ގޭގައި ނިދާފާ އޮއްވައި "ވަގަށް ނަގައިގެން" ގެސްގޮސްގެން ނެވެ. ކުއްޖާ ރޭޕްކޮށް، މަރާލުމަށްފަހު އެއްލާލާފައި އޮއްވައި ފެނުނީ ގެއާ މާ ދުރުނޫން ހިސާބަކުންނެވެ.
"ކުއްޖާގެ މުޅި ގައިގަ އޮތީ ޒަހަމްތައް. އަނގައިންވެސް ލޭ އައިސްފަ އޮތީ." ކުއްޖާގެ ބޮޑުބޭބެ އާ ހަވާލާދީ އެންޑީޓީވީ އިން ރިޕޯޓުކޮށްފައިވެއެވެ.
އެ ކުއްޖާ މަރާލާފައި އޮއްވާ ފެނުނު އިރު ކުއްޖާގެ ކުރިމަތި ފަރާތަށް 24 ސެންޓިމީޓަރު ހުންނަ ވަރުގެ ދަނޑިބުރިއެއް ވައްދާފައި އޮތް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެކުއްޖާގެ ޕޯސްޓް މޯޓަމް ހެދިއިރު، ހަށިގަނޑުގެ އެތެރެއިން 16 ސެންޓިމީޓަރުގެ ދަނޑިބުރިއެއް ފެނިފައިވާ ކަމަށާއި އޭގެ ސަބަބުން ކުއްޖާގެ ކުރިމަތީ ފަރާތަށާއި ގޮހޮރަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކުރެއެވެ.
ކުއްޖާގެ ޕޯސްޓްމޯޓަމް ހެދި ޑޮކްޓަރާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން އެކުއްޖާގެ ހަށިގަނޑުގެ އެކިތަންތަނަށް ވަނީ އެކި ވަރުގެ ޒަޚަމްތައް ލިބިފައެވެ. އެގޮތުން ކޮނޑާއި، ނޭފަތް އަދި އަތުގެ ކުޑަހުޅަށްވެސް ބޮޑެތި ޒަޚަމްތައް ލިބިފައިވާ ކަމަށާއި، އެ ކުއްޖާގެ ކަރުން ލޭ އައިސްފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރިކަމަށް ޑޮކްޓަރާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.
އެ މައްސަލަ ވަރަށް ސީރިއަސް މައްސަލަ އެއްގެ ގޮތުގައި ތަހުގީގު ކުރަން ފަށާފައިވާއިރު މައްސަލަ އާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ކުއްޖާގެ އާއިލާ އިން ބުނީ ޖަނާޒާގެ ކަންތައްވެސް ކުރިއަށް ގެންދާނީ ދަރިފުޅުގެ ގާތިލު ހޯދުމުން ކަމަށެވެ. އެ އަވަށުގެ ރައްޔިތުން ދަނީ ކުއްޖާގެ މަރުގެ ތަހުގީގު އަވަސްކޮށް އެ އަމަލު ހިންގި މީހުން ހޯދައި ހައްޔަރު ކުރުމަށް ގޮވާލައި މުޒާހަރާ ވެސް ކުރަމުންނެވެ.
(އެންޑީޓީވީ، އިންޑިއާ ޓުޑޭ)