މާލޭ ސަރަހައްދުގެ ގަބުރުސްތާނުތަކުގައި މީހުން ވަޅުލުމުގެ ކަންކަން މިހާރަށްވުރެ ރަނގަޅަށް ކުރިއަށް ގެންގޮސް، ދިގު މުއްދަތަކަށް މީހުން ވަޅުލެވޭނެ ގޮތްތަކާ ބެހޭގޮތުން ރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ ސައުދީ އަރަބިއްޔާގެ އިސްލާމިކް އެފެއާޒުގެ ވަފުދާއެކު މަޝްވަރާ ކޮށްފިއެވެ.

ރާއްޖެއާއި ސައުދީއާ ދެމެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރި ގުޅުން ބަދަހި ކުރުމުގެ ގޮތުން ރާއްޖޭގެ އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ރަސްމީ ދަތުރުފުޅެއްގައި އިއްޔެ ރާއްޖެ ވަޑައިގަތް ވަފުދުގައި ހިމެނޭ ދެ މުޝްތަޝާރުންނަކީ އައްޝައިހް އައްދުކްތޫރު މުހައްމަދު ހަމަދު އަލް މަހްނޫހް އަދި އައްޝައިހް ފަހްދު އައްސުލައިހިމް އެވެ.

ވަފުދުގެ ދަތުރުގައި މިއަދު ވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދުއާ އެބޭފުޅުން ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލު ކުރެއްވުމުގައި އަންނަ އަހަރު ދެ ގައުމުގެ އިސްލާމިކް މިނިސްޓްރީ ގުޅިގެން ހިންގިދާނެ ޕްރޮގްރާމްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

އެ މަޝްވަރާ ތަކުގެ ތެރެއިން، މާލޭ ސަރަހައްދުގެ ގަބުރުސްތާނުތަކުގައި މިހާރަށްވުރެ ދިގު މުއްދަތަކަށް މީހުން ވަޅުލުމުގެ އިންތިޒާމުތައް ކުރިއަށް ގެންދެވޭނެ ގޮތާއި ބެހޭގޮތުން މަޝްވަރާކޮށް ސައުދީ އަދި އެނޫން ވެސް އިސްލާމީ ގައުމުތަކުގައި މީހުން ވަޅުލުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ހިއްސާ ކުރައްވާފައިވެ އެވެ.

އެ މަޝްވަރާ ތަކުގައި ސައުދީގެ ވަފުދުން ވަނީ ރާއްޖޭގައި މިހާރަށްވުރެ ހަރުދަނާކޮށް މީހުން ވަޅުލުމުގެ އިންތިޒާމް ހަމަޖެއްސޭނެ ގޮތްތަކާ ބެހޭގޮތުން ރާއްޖެއަށް ފަންނީ ލަފާދީފައެވެ.

އޭގެ އިތުރުން ރާއްޖޭގެ އިލްމުވެރިންނަށް ހާއްސަ ކޮށްގެން ތަފާތު ވޯކްޝޮޕްތައް ހިންގުމާއި އެކި ބަސް ބަހުން ތައްޔާރު ކޮށްފައިވާ އަރަބި އިސްލާމީ ފޮތްތައް ހަދިޔާ ކުރުން ފަދަ ކަންކަމާ ގުޅޭ ގޮތުން ވެސް މިއަދު އިސްލާމިކް މިނިސްޓަރާއެކު ސައުދީ ވަފުދުން މަޝްވަރާ ކުރިއެވެ.

ސައުދީ ވަފުދުގެ ދަތުރުގައި މިއަދު ވަނީ މާލޭގެ އައު ސަހަރާއަށް ޒިޔާރަތްކޮށްފައެވެ. އަދި މިއަދު ހަވީރު ހުޅުމާލޭގައި މިހާރު ވަޅުލަން ހެދި ސަހަރާއަށް ވެސް އެ ވަފުދު ޒިޔާރަތް ކުރާނެއެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރަމުން ގެންދާ ދަތުރުގައި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ އަދި ރާއްޖޭގެ އިލްމުވެރިންނާ ވަފުދުގެ ބޭފުޅުން ބައްދަލުކުރައްވާނެއެވެ.