ރާއްޖޭގެ ހުރިހާ ރަށްތަކަށް ޚާއްސަކޮށްގެން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށްގެންދާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރި ވެވޭނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހުގައި ރަޖިސްޓްރީ ކޮށްފައިވާ ޓީމުތަކަށް ކަމަށް ކަނޑައަޅައިފިއެވެ.

އެފްއޭއެމް އިން ނެރުނު އިއުލާނުގައި ބުނެފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެ އެސޯސިއޭޝަނުން ބާއްވަން ހަމަޖެހިފައިވާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ޓީމްތަކަށް ބައިވެރިވެވޭނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހުގައި ރަޖިސްޓްރީ ކޮށްފައިވާ ޓީމްތަކަށް ކަމަށާއި މުބާރާތައް އިއުލާން ކުރާއިރު އެ ކޮމިޝަންގައި ރަޖިސްޓްރީ ނުކުރާ ރަށްތަކަށް ބައިވެރި ނުވެވޭނެ ކަމަށެވެ.

އެ އެސޯސިއޭޝަނުން ބުނީ ކޮންމެ ރަށަކުން މުބާރާތުގައި ބައިވެރިވެވޭނީ އެންމެ ޓީމަކަށް ކަމަށެވެ. އަދި ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހުގައި ރަޖިސްޓްރީކުރުމަށް އެދޭ ފޯމްސެޓް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން ހަވީރު 16:00 އަށް އެފްއޭއެމްގެ ކައުންޓަރުން ލިބޭނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.

އެންމެ ފުރަތަމަ މިނިވަން ޗެމްޕިއަންޝިޕް މުބާރާތް ބާއްވާފައި ވަނީ 2015 ވަނަ އަހަރުއެވެ. އެފަހަރު ޗެމްޕިއަންކަން ހޯދީ ސ.ފޭދޫ އެވެ. އޭގެ ފަހުން މިދިޔަ އަހަރު ބޭއްވި މުބާރާތް ކާމިޔާބު ކޮށްފައި ވަނީ ބ. އޭދަފުއްޓެވެ. އަދި އެންމެ ފަހުން މި އަހަރު ބޭއްވި މުބާރާތް ކާމިޔާބު ކުރީ ދ. ކުޑަހުވަދޫ އެވެ. މި އަހަރުގެ މުބާރާތުގައި ސެމީ ފައިނަލުގައި ވާދަކުރި ހަތަރު ޓީމަށް ވަނީ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ދީފައެވެ.