11 Dec 2017, 14:38
ޓޫރިޒަމްގެ ދާއިރާގައިދޭ އެންމެ ޝަރަފުވެރި އެވޯޑު "ވާލްޑް ޓްރެވަލް" އެވޯޑުގައި ދުނިޔޭގެ ލީޑީން ހަނީމޫން ޑެސްޓިނޭޝަން އެވޯޑު ރާއްޖެ އަށް ފުރަތަމަ ފަހަރަށް ލިބިއްޖެ އެވެ.
އިއްޔެ ވިއެޓްނާމްގައި ބޭއްވި 24 ވަނަ ވާލްޑް ޓްރެވަލް އެވޯޑުގެ ފައިނަލްގައި އެ އެވޯޑާ ހަވާލުވެ ވަޑައިގަތީ އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދެވެ.
ރާއްޖެ އިން އެ އެވޯޑު ކާމިޔާބުކުރީ އެންޓިކުއާ އެންޑް ބާބުޑާ، ބާބަޑޮސް، ފިޖީ، ޖަމައިކާ، ހަވާއީގެ މައުވީ، މޮރީޝަސް، ކެލެފޯނިއާގެ ނަޕާވެލީ، ފްރާންސްގެ ޕެރިސް، ސެއިންޓް ލޫސިއާ އަދި ސޭޝާލްސްއާ ވާދަކޮށްގެންނެވެ.
ވާލްޑް ޓްރެވަލް އެވޯޑުގައި ދުނިޔޭގެ އެހެން ގައުމުތަކާ ވާދަކޮށް ލީޑީން ޑައިވް ޑެސްޓިނޭޝަން އެވޯޑު ވެސް ރާއްޖެ އިން ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި ރާއްޖޭގެ ރިސޯޓުތަކުން ވަނީ ދުނިޔޭގެ އެހެން ގައުމުތަކާ ވާދަކޮށް އިތުރު ހަތް އެވޯޑެއް ވެސް ކާމިޔާބުކޮށްފަ އެވެ.