11 Dec 2017, 16:59
ދިވެހި ލަވައަށް ހާއްސަ "ލަވަފޮށި"ން އެ އެޕްލިކޭޝަންގެ ރަސްމީ އެޕް ނެރެފި އެވެ.
ލަވަފޮއްޓަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭ ދިވެހީންގެ މެދުގައި، ވަކިން ހާއްސަކޮށް ދިވެހި ލަވައަށް ލޯބިކުރާ މީހުންގެ މެދުގައި މަގްބޫލު ވެގެން ދިޔަ އެޕްލިކޭޝަނެކެވެ.
ލަވަފޮށީގެ އޮފިޝަލް ވާޝަން އާއެކު އެެއްވެސް އަގަކާ ނުލާ ދިވެހި ލަވަ ސްޓްރީމް ކުރެވޭނެއެވެ. މީގެ އިތުރުން ޕްރިމިއަމް ޔޫޒަރުންނަށް މަހަކު 49 ރުފިޔާ ދައްކާލައިގެން ފޯނަށް ލަވަތައް ސޭވްކޮށް، އޮފްލައިންކޮށް އަޑުއަހާލެވޭނެ ކަމަށް ލަވަފޮށިން ބުނެއެވެ. ޕްރިމިއަމް ޔޫޒަރުންނަށް ފީ ދައްކައިލެވޭނެ ފަސޭހަ ގޮތެއްވެސް ލަވަފޮށިން ވަނީ ކަނޑައަޅައިފައެވެ. އެއީ އޮންލައިންކޮށް ނޫނީ ރީޓެއިލް ޕާޓްނަރުން މެދުވެރިކޮށެވެ.
ލަވަފޮށީގެ ސީއީއޯ އަދި ފައުންޑަރ އަބްދުﷲ ނާޒިމް ވިދާޅުވީ މި އަހަރަކީ ލަވަފޮށީގެ ތާރީހުގައި އަދި ދިވެހި މިއުޒިކް އިންޑަސްޓްރީގެ ތާރީހުގައިވެސް މުހިއްމު އަހަރެއް ކަމަށެވެ.
ލަވަފޮށި ބޭނުންކުރާ މިއުޒިޝަނުންނަށްވެސް ފައިދާއެއް އެބަ އޮތެވެ. ލަވަފޮށީގައި ރަޖިސްޓްރީކޮށްލައިގެން އާމްދަނީ ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އެ އާޓިސްޓެއްގެ ލަވަތައް ސްޓްރީމް ކުރާ މިންވަރުން އާމްދަނީ ލިބޭނެއެވެ.
ލަވަފޮށީގައި މިހާރު 20،000އަށް ވުރެ ގިނަ ޔޫޒަރުން އެބަތިއްބެވެ. 600 އަށްވުރެ ގިނަ އަލްބަމްގެ 10،000 އަށްވުރެ ލަވަތައް ލަވަފޮށިން މިހާރު އަޑުއަހާލެވޭނެއެވެ. އޭގެ ތެރޭގައި މީގެ ބައި ގަރުނު ކުރީގެ ލަވަތައްވެސް ހިމެނެއެވެ. ޓްރައިއަލް ޕީރިއަޑްގެ ތެރޭ ބައި މިލިއަނަށް ވުރެ ގިނަ ފަހަރު ލަވަ ސްޓްރީމް ކޮށްފައިވެއެވެ.
ލަވަފޮށީގެ އާ ވާޝަން މިހާރު ގޫގުލް ޕްލޭ އާ އެޕްސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ.