ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑު "ވާރލްޑް ޓްރެވަލް" އެވޯޑުގައި ދުނިޔޭގެ ލީޑީން ޑައިވް ޑެސްޓިނޭޝަން އެވޯޑު މިފަހަރުވެސް ރާއްޖެއަށް ލިބިއްޖެއެވެ.

އިއްޔެ ވިއެޓްނާމްގައި ބޭއްވި 24 ވަނަ ވާރލްޑް ޓްރެވަލް އެވޯޑުގެ ފައިނަލްގައި އެ އެވޯޑާ ހަވާލުވެ ވަޑައިގަތީ އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދުއެވެ.

ރާއްޖެއިން އެ އެވޯޑު ކާމިޔާބުކުރީ ބެލީޒް، ކޭމަން އައިލެންޑް، ފިޖީ، ގްރޭޓް ބެރިއާ ރީފް އޮސްޓްރޭލިއާ، މޮރީޝަސް، މޮޒަންބީކް، ސިޝޭލްސް، މިސްރުގެ ޝަރުމުއްޝައިޚް އަދި ތެންޒޭނިއާގެ ޒަންޒިބާރް އާ ވާދަކޮށްގެންނެވެ.

ރާއްޖެއިންވަނީ ލީޑީން ޑައިވް ޑެސްޓިނޭޝަން އެވޯޑު އިންޑިއާ ކަނޑުގެ ސަރަހައްދުންވެސް ކާމިޔާބު ކޮށްފައެވެ.

ލީޑީން ޑައިވް ޑެސްޓިނޭޝަން އެވޯޑްް ރާއްޖެއިން ކާމިޔާބުކުރި މިއީ ތިންވަނަ އަހަރެވެ. 2006 ވަނަ އަހަރާއި 2016 ވަނަ އަހަރުވެސް އެ އެވޯޑު ކާމިޔާބުކޮށްފައިވަނީ ރާއްޖެއިންނެވެ.