11 Dec 2017, 12:21
މީގެ ދެ އަހަރު ކުރިން ބ. ތުޅާދޫގައި ވިހެއުމަށްފަހު ފެންހިންދާ ވަޅުގަނޑަކަށްލައި ތުއްތު ކުއްޖަކު މަރާލި ކަމުގެ ތުހުމަތުގައި އެކުންޖާގެ މަންމަގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން ސިއްރުކޮށްފިއެވެ.
އެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ އެ ކުއްޖާގެ މަންމަ ބ. ތުޅާދޫ ހުދުއަސުރުމާގޭ، ފާރިހާ އަބްދުއްރަހްމާން ގެ މައްޗަށެވެ. އޭނާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެ އެވެ.
އެއީ އިންސާނާގެ ފުރާނައިގެ އަގަށް އެއްވެސް ފަރުވާލެއް ނެތްކަމަށް ދައްކުވައިދޭ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި މީހަކު މަރުވުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި ދަރިން ބެލެހެއްޓުމަށް އޮތް ވާޖިބާއި ދަރިންނަށް އަޅާނުލައި ދޫކޮށްލުމުގެ ކުށުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުން ބުނީ މިއަދު ބާއްވާ އެ މައްސަލައިގެ އަޑުއެހުމަށް ނުވަދެވޭނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީގެ ސެކްޝަނުން އަންގާފައިވާ ކަމަށެވެ. ނަމަވެސް ސިއްރު ކުރި ސަބަބެއް ނުބުނެއެވެ.
މީގެކުރިން އެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވަނީ ނޫސްވެރިންނަށް ވަދެވޭނެހެން ހުޅުވާލައިގެންނެވެ.
އެންމެ ފަހުން އެމައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވަނީ، މިދިޔަ އޯގަސްޓު މަހުގެ ފަހުކޮޅު އެވެ. އެ ދުވަހުގެ އަޑުއެހުމުގައި ވަނީ ފާރިހާ ވިހާފައި މަރާލިކަމަށް ބުނާ ކުއްޖާ ބެއްލެވި ޑޮކްޓަރުގެ ހެކިބަސް ނަގާފައެވެ.
އެ މައްސަލާގައި ދެން އޮންނާނީ ފާރިހާގެ ސައިކޮލޮޖިކަލް ރިޕޯޓު ތައްޔާރުކުރި ޑޮކްޓަރު ހާޒިރުކޮށް އެ ރިޕޯޓަކީ ސައްހަ ރިޕޯޓެއްކަން ކަށަވަރު ކުރުުމެވެ. އަދި އެއަށްފަހު އޮންނާނީ ޚުލާސާ ބަޔާން ހުށަހެޅުމެވެ.