11 Dec 2017, 13:55
ތެލެސީމިއާ ކުދިންނަށް ރާއްޖެ އިން ބޭރުން ދޭ އޮފްލޭބަލް ބޭސްތަކާއި ހުއްދަ ނެތް ފަރުވާތަކާ ގުޅޭ އެއްވެސް ޚިދުމަތެއް މިއަދުން ފެށިގެން ދެވެން ނެތް ކަމަށް މޯލްޑިވިއަން ބުލަޑް ސާވިސަސް އިން ބުނެފި އެވެ.
ބުލަޑް ސާވިސަސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕެޑިއެޓްރިޝަން ޑރ. އަހުމަދު އުމަރު 'ސަން' އަށް މިއަދު ވިދާޅުވީ، ރާއްޖޭން ބޭރަށް ގޮސް އެ ތަންތަނުގެ ޑޮކްޓަރުން ދީފައިވާ ބޭސް ސިޓީތަކަށް ދޭ އިންޖެކްޝަންތައް ނަގައިގެން ތެލެސީމިއާ ކުދިން އައުމުން އެ ޚިދުމަތް ދޭ ކަމަށެވެ.
ނަމަވެސް ފަހަކަށް އައިސް ތެލެސީމިއާ ކުދިންނަށް ފަރުވާ ދިނުމަށް ހުއްދަ ނެތް ރާއްޖޭން ބޭރުގެ ބައެއް ސެންޓަރުތަކަށް ގޮސް ފަރުވާ ހޯދާ ކަމަށާއި އެފަދަ ކުދިންނަށް ދޭންޖެހޭ ފަރުވާތަކާ އެއްގޮތަށް އެ ތަންތަނުން ފަރުވާ ނުދޭކަން ފާހަގަކުރެވިފައިވާ ކަމަށް ޑރ. އުމަރު ވިދާޅުވި އެވެ.
ބުލަޑް ސާވިސަސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ސާވިސް އިން ދޭ ތެލެސީމިއާ ފަރުވާއަކީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އަދި ތެލެސީމިއާ އިންޓަނޭޝަނަލް ފެޑެރޭޝަން (ޓިފް) އިން ތެލެސީމިއާ ފަރުވާގެ ގޮތުގައި ބޭނުން ކުރުމަށް އިރުޝާދު ދީފައިވާ ފަރުވާ ތަކެއް ކަމަށެވެ.
އަދި ބޭސް އުފައްދާފައިވާ އަސްލު މަގުސަދު ނޫން އެހެން މަގުސަދެއްގައި (އޮފްލޭބަލް)ގައި ބޭނުން ކުރެވޭ އަދި ތަހުލީލު މަރުހަލާގައިވާ ފަރުވާ ތަކަކީ ތެލެސީމިއާ ކުދިންނަށް ބޭނުން ކުރުމަށް އެ ސާވިސަސް އިން ބާރު އަޅާ ފަރުވާ ތަކެއް ނޫން ކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ.
"އެފަދަ ފަރުވާ ތަކަކީ މި ސާވިސަސް އިން ހިތްވަރުދޭ ފަރުވާތަކަކަށް ނުވާތީ އާއި އެފަދަ ފަރުވާތަކަކީ ސާބިތު ހިފޭ ފަރުވާތަކަކަށް ނުވާތީ މިކަމުން ބަލިމީހުންނަށް ލިބިދާނެ ގެއްލުމަށްޓަކައި އެފަދަ ފަރުވާތަކާ ގުޅޭ އެއްވެސް ޚިދުމަތެއް މިއަދުން ފެށިގެން މިސާވިސަސް އިން ފޯރުކޮށްދެވެން ނެތް ވާހަކަ ދަންނަވަމެވެ،" ބުލަޑް ސާވިސަސްގެ ބަޔާނުގައި ބުނެފައިވެ އެވެ.
ނަމަވެސް ޑަބްލިއުއެޗްއޯ އަދި ޓިފް އިން ގަބޫލުކުރާ ފެންވަރެއްގައި ތެލެސީމިއާ ކުދިންނަށް ފަރުވާ ދޭ ރާއްޖޭން ބޭރުގެ ސެންޓަރު ތަކުން ގެންނަ ބޭސްތަކާއި ފަރުވާތައް އެ ސާވިސަސް އިން ދެމުން ގެންދާނެ ކަމަށް ޑރ. އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ތެލެސީމިއާ ބައްޔަށް ރާއްޖޭންް ބޭރުން ފަރުވާ ހޯދި ނަމަވެސް، ބުލަޑް ސާވިސަސް އިން އެފަދަ ކުދިންނަށް ދޭންޖެހޭ ފަރުވާތައް ދެމުން ގެންދާނެ ކަމަށެވެ.
މައިންބަފައިންގެ ކިބައިން ދަރިންނަށް ވާރުތުވާ ބަލިތަކުގެ ތެރެއިން ތެލެސީމިއާ ބައްޔަކީ ލޭގައި ހުންނަންޖެހޭ މާއްދާއެއް ކަމަށްވާ، ހީމަގުލޮބިން ހުންނަންޖެހޭ މިންވަރަށް ނުހުރުމުން ނުވަތަ އެ މާއްދާ ލޭ ގައި މަދުވުމުގެ ސަބަބުން ކުއްޖާގެ ގައިގައި ލޭ އުފައްދަންޖެހޭ މިންވަރަށް ލޭ ނުއުފެއްދުމުން ކުއްޖާއަށް ދިމާވާ ސިއްހީ ހާލަތެކެވެ.
ތެލެސީމިއާ ކެރިއަރުން ދުނިޔޭގައި އެންމެ ގިނައީ ރާއްޖޭގައެވެ.
މޯލްޑިވްސް ބްލަޑް ސެންޓަރު (އެމްބީއެސް)ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، ރާއްޖޭގައި މިދިޔަ އަހަރުގެ ނިޔަލަށް ތެލަސީމިއާ ގޮތުގައި 850 ޕޭޝަންޓުން ރަޖިސްޓްރީ ކޮށްފައިވެ އެވެ.
އޭގެ ތެރެއިން ދުނިޔޭގައި މިވަގުތު ތިބީ 622 ޕޭޝަންޓުންނެވެ. އަދި އެމްބީއެސްގެ ތެލަސީމިއާގެ ދަފްތަރުގައި މިދިޔަ އަހަރު އިތުރު 14 ޕޭޝަންޓަކު އަލަށް ރަޖިސްޓްރީ ކޮށްފައިވެއެވެ.