މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޖުވެނިއަލް ޖަސްޓިސް ޔުނިޓަށް ހުށަހެޅިފައިވާ ކުޑަކުދިންގެ މައްސަލަތަކުގެ ތެރެއިން 95 ޕަސެންޓް ކުދިންނަކީ ސްކޫލަށް ނުދާ ކުދިން ކަމަށް އެ ޔުނިޓްގެ ރިޕޯޓުން ދައްކައިފި އެވެ.

އެ ޔުނިޓުން ނެރެފައިވާ ރިޕޯޓެއްގައިވާ ގޮތުން މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް 22 ކުއްޖެއްގެ މައްސަލަ ޖުވެނިއަލް ޖަސްޓިސް އަށް ހުށަހަޅާފައިވެ އެވެ. އަދި މައްސަލަތަކުގެ 95 ޕަސެންޓް ފިރިހެން ކުދިން ހިއްސާކުރާ އިރު އޭގެ ތެރެއިން ގިނަ ކުދިންނަކީ ގުރޭޑް އަށެއް ނުވަތަ ނުވައަކާ ހިސާބުން ކޮންމެވެސް ސަބަބަކާ ހެދި ސްކޫލަށް ނުދާ ކުދިންނެވެ.

ހޯމް މިނިސްޓްރީން މީޑިއާ އާ ހިއްސާ ކުރި ޖުވެނިއަލް ޖަސްޓިސްގެ ރިޕޯޓުގައިވާ ގޮތުން ސްކޫލަށް ނުދާ ކުދިން ކުއްތަކަށް އަރައިގަންނަ މިންވަރު އިތުރުވެފައިވާ އިރު ހުށަހަޅާފައިވާ މައްސަލަތަކަށް ނިސްބަތްވާ 55 ޕަސެންޓް ކުދިންނަކީ ގުޅިފައިވާ އާއިލާތަކަށް ނިސްބަތްވާ ކުދިންނެވެ.

އެ ރިޕޯޓުގައިވާ ގޮތުން ކުށްތަކަށް އަރައިގަންނަ ގިނަ ކުދިން އުޅެމުންދަނީ އެކުދިންގެ މައިންބަފައިންނާ ވަކިންނެވެ. އަދި އެގޮތަށް މެދުވެރިވާ ސަބަބެއް ކަމަށް ފާހަގަކޮށްފައި ވަނީ ކިޔަވައިދިނުމުގެ ބޭނުމުގައި ނުވަތަ އެހެންވެސް ކޮންމެވެސް ސަބަބަކާ ހެދި އެހެން ފަރާތެއްގެ ބެލުމުގެ ދަށަށް ކުދިންދާ ގޮތް މެދުވެރިވުމެވެ. އަދި މައިންބަފައިންގެ ފަރާތުން އެކަށީގެންވާ ވަރަށް އެފަދަ ކުދިންނަށް ތަރުބިއްޔަތު ނުލިބި އުމުރާ ގުޅޭ ތަޢުލީމާ ތަމްރީނު ލިބޭނެ ފުރުސަތެއް އެ ކުދިންނަށް ނުލިބޭ ކަމަށް ޖުވެނިއަލް ޖަސްޓިސްގެ ރިޕޯޓުގައިވެ އެވެ. އަދި އޭގެ ސަބަބުން އެކުދިންނަށް އެކީގައި އުޅޭ ރައްޓެހިންގެ ނުފޫޒު ފޯރާ ގޭންގްތަކުގައި ހިމެނިގެންދާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެފަދަ ކުދިން އެންމެ ގިނައިން އަރައިގަންނަ ކުއްތަކުގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ މާރާމާރީ އާއި މަސްތުވާތަކެތި ގެންގުޅުމާއި އެތަކެތި ބޭނުންކުރުމާއި ވައްކަމުގެ މައްސަލަ ތަކެވެ. މީގެތެރެއިން ދެ ކުއްޖަކު މީހުން މެރުން ފަދަ ބޮޑެތި ކުށްތަކުގައި ހިމެނިފައިވާ އިރު އެންމެ ގިނައިން ކުދިން ހައްޔަރު ކޮށްފައި ވަނީ މާލެއިންނެވެ.

އެރިޕޯޓުގައިވާ ގޮތުން އެންމެ ގިނައިން ހުށަހެޅިފައި ވަނީ އުމުރުން 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ މައްސަލަތަކެވެ. އަދި 14 އަހަރުން ދަށުގެ ކުދިންގެ މައްސަލަ ހުށަހެޅިފައިވާ މިންވަރު މަދެވެ.