ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ މަހު 910 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް މީރާ އިން ބުނެފި އެވެ.

އެ އޮތޯރިޓީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީ 36.4 މިލިއަނަށް އަރަ އެވެ.

މީރާ އިން ބުނީ ނޮވެމްބަރު މަހު އެ އިދާރާ އަށް ލިބުނު އާމްދަނީއަކީ ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ 7.5 ޕަސެންޓް އިތުރު އާމްދަނީއެއް ކަމަށެވެ. އާމްދަނީ އިތުރުވެފައި ވަނީ މުދަލާއި ހިދުމަތުން ނަގާ ޓެކްސް (ޖީއެސްޓީ) އަށް ލިބުނު މިންވަރު އިތުރުވުމުގެ ސަބަބުން ކަމަށް މީރާ އިން ބުނެ އެވެ.

ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު އާމްދަނީގެ 64.7 ޕަސެންޓް ލިބިފައިވާ އިރު ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ވިޔަފާރި ފައިދާ އިން ނަގާ ބިޒްނަސް ޕްރޮފިޓް ޓެކްސް އިންނެވެ. އެއީ މިދިޔަ މަހުގެ އާމްދަނީގެ 12.1 ޕަސެންޓެވެ.

ޓޫރިޒަމް ބޭނުމަށް ތަންތަން ކުއްޔަށް ދޫކުރާއިރު ނަގާ ލޭންޑް އިކުއިޒިޝަން ކޮސްޓާއި ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދީފައި ހުރި ތަންތަނުން ދައްކަން ޖެހޭ ލޭންޑް ރެންޓާއި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބުނު އަދަދު މި އަހަރު މަދުވެފައި ވާތީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާ އިރު ލިބުނު އާމްދަނީ 10 ޕަސެންޓް ދަށްވެފައިވާ ކަމަށް ވެސް މީރާ އިން ބުނެ އެވެ.