11 Dec 2017, 12:07
ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑު "ވާލްޑް ޓްރެވަލް" އެވޯޑުގައި ދުނިޔޭގެ އަދި އިންޑިއާ ކަނޑުގެ ވެސް ލީޑިން ވޯޓާ ވިލާ ރިސޯޓަށް ދޭ އެވޯޑު ސަން ޝިޔާމްގެ ސަން އަކުއާ ވިލުރީފް ކާމިޔާބުކޮށްފި އެވެ.
އިއްޔެ ވިއެޓްނާމްގައި ބޭއްވި 24 ވަނަ ވާލްޑް ޓްރެވަލް އެވޯޑުގެ ފައިނަލްގައި އެ އެވޯޑާ ހަވާލުވެ ވަޑައިގަތީ ސަން އަކުއާ ވިލުރީފްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހިލްމީ އެވެ.

ސަން އަކުއާ ވިލުރީފް ރިސޯޓުން ދުނިޔޭގެ ލީޑިން ވޯޓާ ވިލާ އެވޯޑު ކާމިޔާބު ކޮށްފައި ވަނީ، އަދާރަން ޕްރެސްޓީޖު ވޯޓާ ވިލާ، އަޔާޑާ މޯލްޑިވްސް، ބަރޮސް މޯލްޑިވްސް، ކޮނާޑް މޯލްޑިވްސް ރަންގަލި އައިލެންޑް، ފޯސީޒަން މޯލްޑިވްސް ކުޑަހުރާ، ޖޭއޭ މަނަފަރު، އޮޅުވެލި ބީޗް އެންޑް ސްޕާ، ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާ އަދި ސަން ޝިޔާމް އިރުފުއްޓާ ވާދަކޮށްގެންނެވެ.
އިންޑިއާ ކަނޑުގެ ލީޑީން ވޯޓާ ވިލާ ރިސޯޓު ކާމިޔާބު ކޮށްފައި ވަނީ، އަދާރަން ޕްރެސްޓީޖް ވޯޓާ ވިލާ، އަނަންތަރަ ދިގު މޯލްޑިވްސް ރިސޯޓު، ބަރޮސް މޯލްޑިވްސް، ކޮނާޑް މޯލްޑިވްސް ރަންގަލި އައިލެންޑް، މޮރީޝަސް ގެ ކޮންސްޓެންސް ލެ ޕްރިންސް މައުރިސް އަދި ފޯސީޒަން މޯލްޑިވްސް ކުޑަހުރާ އާ ވާދަކޮށްގެންނެވެ.

ސަން އަކުއާ ވިލުރީފް ރިސޯޓުން ދުނިޔޭގެ ލީޑިން ވޯޓާ ވިލާ އެވޯޑުކާމިޔާބުކުރި މިއީ ދެވަނަ އަހަރެވެ. މިދިޔަ އަހަރުގައި ވެސް އެ ރިސޯޓުން ވަނީ އެ އެވޯޑު ކާމިޔާބުކޮށްފަ އެވެ.