11 Dec 2017, 11:28
އަންނަ އަހަރުގެ ޖެނުއަރީ އިން ފެށިގެން އެމްޓީސީސީ އިން ދޭ ދަތުރު ކާޑުގެ ޚިދުމަތް ފުޅާކުރުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.
މާލެ - ވިލިމާލެ ފެރީ ޓާމިނަލްގެ ޖާގަ ބޮޑުކޮށް ހުޅުވި "ދާންނާ ގިމަތަ" ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެެ ކުންފުނިން ބުނީ ވިލިމާލެ ފެރީ ޓާމިނަލްގައި އޮޓޮމެޓިކް ފެއާ ކަލެކްޝަން ގޭޓްތައް ހަރުކުރުމާ އެކު ދަތުރު ކާޑުގެ ޚިދުމަތް ދޭން ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
އެކުންފުނިން ބުނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެމްޓީސީސީ އިން ހުޅުމާލޭގައި ދެމުން ގެންދާ އެއާޕޯޓް ބަހުގައި އޮޓޮމެޓިކް ފެއާ ކަލެކްޝަން ސިސްޓަމް ހަރުކުރެވި ޓެސްޓުކުރުމުގެ މަސައްކަތްތަކެއް ވަނީ ކާމިޔާބުކަމާ އެކީ ކުރިޔަށް ގެންގޮސްފައި ކަމަށެވެ.
ދަތުރު ކާޑުގެ ޚިދުމަތް މިހާރު ދެމުން އަންނަނީ ހުޅުމާލެ ފެރީ ޓާމިނަލްގައި އެކަންޏެވެ. ނަމަވެސް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ދަތުރު ކާޑުގެ ޚިދުމަތް ފުޅާކޮށް އެކުންފުނިން ދެމުން އަންނަ ގިނަ ޚިދުމަތްތަކުގައި ދަތުރު ކާޑު ބޭނުންކުރަން ފައްޓާނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.