11 Dec 2017, 10:59
ޓެކްސްގެ ނިޒާމުގައި މަކަރުހެދުމަށް ފުރުސަތު އޮންނަ ކަމަށް ބުނެ 17 ގައުމެއް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބްލެކް ލިސްޓްކޮށްފި އެވެ. އީޔޫ އިން ވަނީ އެ 17 ގައުމު "ޓެކްސް ހެވަން"ގެ ގޮތުގައި ސިފަކޮށްފަ އެވެ.
އީޔޫ އިން ބްލެކްލިސްޓު ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އެމެރިކަން ސަމޯއާ، ބަހްރެއިން، ގްރެނާޑާ، ގުއާމް، މަކާއޯ، މާޝަލް އައިލެންޑްސް، މޮންގޯލިއާ، ނެމީބިއާ، ޕަލާއޯ ޓިއުނީޝިއާ، ސަމޯއާ ދެކުނު ކޮރެއާ، ބާބެޑޮސް، ސެއިންޓް ލޫސިއާ، ބަހްރެއިންގެ އިތުރުން ޓްރިނިޑާޑް އެންޑް ޓޮބޭގޯއާއި ޕެނަމާ އަދި ޔޫއޭއީ ހިމެނެ އެވެ.
އީޔޫ އިން ތުހުމަތުކުރާ ގޮތުގައި ބްލެކްލިސްޓް ކުށްފައިވާ ގައުމުތަކުން ދަނީ ޓެކްސްގެ އާންމު އުސޫލުތަކާ ގަވައިދުތަކަށް ބޯނުލަނބާ އަދި ޓެކްސްއާ ބެހޭ ގޮތުން އީޔޫއާ ހިއްސާކުރަން ޖެހޭ މުހިންމެ މައުލޫމާތުތައް ވެސް ހިފަަހައްޓަމުންނެވެ.
އީޔޫ އިން ބުނީ ބްލެކް ލިސްޓު ކުރިގައުމުތަކާ ދެކޮޅަށް އިގްތިސާދީ ގޮތުން ފިޔަވަޅުއަޅަން ޖެހިދާނެ ކަމަށެވެ. އެގޮތުން އެ ފިޔަވަޅުތަކުގެ ދަށުން ޓެކްސްއާ ބެހޭ ޑޮކިއުމަންޓުތައް ހުށަހެޅުމުގައާއި އަދި އިންކަމް ޓެކްސްގެ ގަވައިދުތައް ކުރިއަށް ވުރެ ހަރުކަށިކުރުން ހިމެނެ އެވެ.
ބްރިޓިޝް ވާޖިން އައިލެންޑްސް އާއި އެހެނިހެން ކެރީބިއަން ގައުމުތަކަށް ދާދި ފަހުން އެރި ވަރުގަދަ ތޫފާނުގެ ސަބަބުން ބްލެކް ލިސްޓު ކުރި ގައުމުތަކުގެ ލިސްޓުގައި ކެރީބިއަންގެ ގައުމުތައް ހިމަނައިފައެއް ނުވެ އެވެ. ނަމަވެސް ފަހުން އަޕްޑޭޓްކުރާ ލިސްޓުގައި އެގައުމުތައް ހިމަނަންޖެހިދާނެ ކަމަށް އީޔޫ އިން ބުންޏެވެ.
ދާދި ފަހުން ލީކުވެގެން ދިޔަ ޕެނެމާޕާޕާސް އާއި ޕެރެޑައިސް ޕޭޕަސްތަކުގައި ދުނިޔޭގެ ބޮޑެތި ވިޔަފާރިވެރިންނާއި ސަރުކާރުތަކުގެ އިސް ވެރިންނާއި އަދި ބޮޑެތި ކުންފުނިތަކުން ޓެކްސްއަށް ރެކުމުގެގޮތުން އޮފްޝޯއެކައުންޓްތަކުގައި ގިނަ އަދަދެއްގެ ފައިސާ ބަހައްޓާ މައްސަލަ ވަނީ ހޫނުވެފަ އެވެ. އެކަމާ ގުޅިގެން ޓެކްސްގެ ނިޒާމުން ރެކެން މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް އީޔޫއިން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ.
އީޔޫ އިން އަލަށް އެކުލަވާލި ގަވާއިދުތަކުގެ ތެރޭގައި އެ އިއްތިދާގެ ތެރޭގައި ހަރަކާތްތެރިވާ މަލްޓިނޭޝަނަލް ކުންފުނިތަކުން އެ ކުންފުނިތަކުގެ އޮޕަރޭޝަންތަކުގެ ފުރިހަމަ ތަފްސީލުތަކާއި އަދި އެކުންފުނިތަކުން އޮޕަރޭޓްކުރާ ގައުމުތަކުގައި ޓެކްސްތައް ދައްކާ ވަރު ހާމަކުރުމަށް ވެސް ޖެހެ އެވެ.
އިޔޫއިން މީގެ ކުރިން ވަނީ ޓެކްސްއަށް މަކަރު ހަދާކަމަށް ބުނެ އެމެޒަންއާ ދެކޮޅަށްދައުވާ ވެސް ކޮށްފަ އެވެ.
ސީއެންއެން