11 Dec 2017, 10:48
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި އެވަޓަން ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
'މާސީސައިޑް ޑާބީ'ގެ ގޮތުގައި މަޝްހޫރު ވެފައިވާ އެ މެޗުގައި އެވަޓަންއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެ ލިވަޕޫލް އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. އެނަތީޖާ އާއެކު ލީގުގެ ތިން ވަނައަށް އަރަން ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. ލިވަޕޫލް އޮތީ 30 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައެވެ. އެވަޓަން އޮތީ 19 ޕޮއިންޓާއެކު ލީގުގެ 10 ވަނައިގައެވެ.
އެ މެޗުގައި ލިވަޕޫލްގެ ފަރާތުން މޮޅު އެޓޭކިން ފުޓްބޯޅައެއް ފެނިގެންދިޔައިރު، އެ ޓީމަށް ވަނީ ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ލިވަޕޫލުންނެވެ. އެ ލަނޑު މެޗުގެ 42 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މުހައްމަދު ސަލާހު އެވެ. މިއީ އޭނާ މި ސީޒަނުގައި ޖެހި 14 ވަނަ ލަނޑެވެ.
އެއް ލަނޑުގެ ލީޑެއްގައި އޮވެ ލިވަޕޫލްއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމަށް ވަނީ ދެވަނަ ހާފުގައި ވެސް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ލިވަޕޫލްއަށް މި ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އެވަޓަންއިން މެޗުގެ ނަތީޖާ ހަމަހަމަކުރުމެވެ. އެގޮތުން މެޗުގެ 77 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ވޭން ރޫނީ ވަނީ ލަނޑެއް ޖަހައިދީ އެވަޓަންއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ޕްރިމިއާ ލީގުގައި އާސެނަލް އާއި ސައުތްހެމްޕްޓަން ކުޅުނު މެޗު ވެސް ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. އެ ނަތީޖާ އާއެކު އާސެނަލް އޮތީ 29 ޕޮއިންޓާއެކު ލީގުގެ ފަސް ވަނައިގައެވެ.