ރެކޯޑު މޮޅަކާ އެކު ވާދަވެރި މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައި މެންޗެސްޓާ ސިޓީން އިން އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނާގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމުން ކާމިޔާބުކޮށްފައި ވަނީ 1-2 ގެ ނަތީޖާ އަކުންނެވެ.

ރޭގެ މޮޅާ އެކު ސިޓީ ވަނީ 46 ޕޮއިންޓް ހަމަކޮށް އެއް ވަނާގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ޔުނައިޓެޑް ދެ ވަނާގައި އޮތީ 35 ޕޮއިންޓާ އެކު އެވެ. މި މޮޅާ އެކު ސިޓީ ވަނީ ޖެހިޖެހިގެން 14 މެޗުން މޮޅުވެ، އެއް ސީޒަނެއްގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑް ހަދައިފަ އެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ސިޓީންނެވެ. އެގޮތުން ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ޑޭވިޑް ސިލްވާ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. ސިލްވާގެ މި ގޯލާ އެކު ފުރަތަމަ ހާފު ނިމެންދަނިކޮށް އެ ހާފްގެ ފަހުވަގުތުކޮޅު ތެރޭ މާކަސް ރަޝްފޯޑް ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

ދެވަނަ ހާފު ފެށިގެން މާ ގިނަ އިރުތަކެއް ނުވަނީސް ސިޓީ އިން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގައިފަ އެވެ. އެ ލަނޑު މެޗުގެ 54 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރު ނިކޮލަސް އޮޓެމެންޑީ އެވެ. އޭގެ ފަހުން ނަތީޖާ އެއްވަރުކޮށްލަން ޔުނައިޓެޑްގެ ފޯވާޑް ރޮމެލޫ ލުކާކޫ އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. ނަމަވެސް ސިޓީގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ އޭނާ ފޮނުވާލި ހަމަލާ ސިޓީގެ ގޯލްކީޕަރު އެޑަސަން ވަނީ ދިފާއުކޮށްފަ އެވެ.