11 Dec 2017, 11:18
މޫނަކީ އިންސާނާ އަބަދު ވެސް އެންމެ ރީތިކޮށް ބެހެއްޓުމަށް ބޭނުންވާ އެއް ތަނެވެ. މޫނުގައި ބިހި ނެގުމަކީ ދެ ޖިންސުގެ މީހުންނަށް ވެސް ދިމާވާ ކަމަކަށްވާ އިރު ބިހި އެންމެ ގިނައިން ނަގަނީ އެ މީހެއްގެ ޒުވާން އުމުރު ފުރައިގަ އެވެ.
އެ ދުވަސްވަރު މޫނުގައި ނަގާ ބިހިތައް އެއްކޮށް ނައްތާލަން އުނދަގޫވި ކަމުގައިވީ ނަމަވެސް ބިހިތައް މަދު ކުރެވިދާނެ އެވެ.
މޫނުގައި ނަގާ ބިހިތައް ނައްތާލާނީ ކިހިނެއް؟
އާވި
އާވި އެރުވުމުގެ ސަބަބުން މޫނު މަތީގައި ހުންނަ ރޫތައް ފިލުވައިދިނުމުގެ އިތުރުން ބިހިތައް ނައްތާލުމަށް އެހީތެރިވެދެ އެވެ. އެކަމުގެ ސަބަބުން ހަންގަނޑު އުޖާލާވެ މޫނުގައި ހުންނަ ޖަރާސީމުތައް އެއްކޮށް ނެތިކޮށްލަ އެވެ. ހަންގަނޑު ސާފުކޮށްލަދެ އެވެ. މޫނަށް އާވިވާ ގޮތަށް ދެ ތިން މިނެޓް ބެހެއްޓުމަށް ފަހު މޫނު ދޮވެލާށެވެ. އެއަށް ފަހު މޫނަށް ގުޅޭ ކަހަލަ މޮއިސްޓަރައިޒާއެއް ހާކާލާށެވެ. އޭގެ ސަބަބުން ހަންގަނޑު އޮމާންވެ ހަންގަނޑު މަޑުކޮށް ވެސްދެ އެވެ.
ލުނބޯ
ލުނބޯ އަކީ ކާއިރު ރަހަ މީރުކޮށްލަން ބޭނުން ކުރާ އެއްޗެއްގެ އިތުރުން މޫނުގައި ނަގާ ބިހިތައް ފިލުވައިލުމަށް އެހީތެރިވެދޭ އެއްޗެކެވެ. ވިޓަމިން ސީ ހިމެނޭ ލުނބޯއެއް ދެ ފަޅި އަށް ފަޅާލުމަށް ފަހު މޫނުގައި މަޑުމަޑު ހާކާލާށެވެ. ހަފްތާއެއް ވަރު ވަންދެން ތަކުރާރު ކޮށްލާށެވެ. ބަދަލު ފެންނާނެ އެވެ.
ގިނައިން ފެން ބުއިމަށް އާދަކުރޭ
ފެނުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ނުރައްކާތެރި ޖަރާސީމުތައް ނެތިކޮށްލައިދިނުމުގެ އިތުރުން މޫނުގައި ބިހި ނެގުން މަދުކޮށްލަދެ އެވެ. މޫނުގައި އުފެދެމުން އަންނަ ބިހިތަކުން ސަލާމަތްކޮށްދެ އެވެ.
މައުލޫމާތު: ހޯމްރެޑީމޭޑްސް