މާލޭގެ ކަޅުތުއްކަލާ ކޮށީގެ ހުޅަނގުން މަރާމާތު ކުރަމުންދާ އިއްޒުއްދީނު މަގުގައި ތާރުއެޅުމުގެ މަސައްކަތް މިމަހު ނިމޭނެ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީ އިން ބުނެފި އެވެ.

އިއްޒުއްދީންމަގުގައި މަރާމާތުގެ މަސައްކަތް ކުރިއަށް ދަނީ ކަޅުތުއްކަލާ ކޮއްޓާ ދިމާއަށްވީ ހިސާބުގަ އެވެ. އެމްޓީސީސީ އިން ބުނީ ބޮޑުތަކުރުފާނު މަގުން ފެށިގެން ކަޅުތުއްކަލާ ކޮއްޓާއި އެސްޓީއޯ ގުދަންތައް ހުންނަ ސަރަހައްދާ ހިސާބުގެ މަސައްކަތް ނިންމުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ.

އެމަގު މަރަމާތުކޮށް ނިމޭއިރު ބޭރުމަގު އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދެކޭ އެއްގޮތަށް އެ މަގުގެ އެކި ހިސާބުތަކުގައި ތާރުއަޅަން ވަނީ ހަމަޖެހިފައެވެ.

އެމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީ އިން ފެއްޓީ މިދިޔަ އޮކްޓޫބަރު މަހުގެ ފަހުކޮޅުގަ އެވެ.

އާންމުކޮށް ބަރު އުޅަނދުފަހަރު ދަތުރުކުރާ އިއްޒުއްދީން މަގު މަރާމާތުކުރަން ފަށާފައި ވަނީ އެ މަގު ވަރަށް ބޮޑަށް ހަލާކުވެފައި ވަނިކޮށެވެ. މަރާމާތުކުރުމުގެ ތެރޭގައި އެމަގު މިހާރު ވަނީ ކުރިއަށް ވުރެ ފުޅާވެސް ކޮށްފަ އެވެ.

ކުރިން ތާވަލްކޮށްފައި އޮތްގޮތަށް އެމަސައްކަތް ނުނިމި ލަސްވެގެން ދަނީ އެ ސަރަހައްދުގައި ހުރި ބައެއް ޖަންކްޝަންތަކާއި ބައެއް ކަރަންޓް ކޭބަލްތައް ބަދަލު ކުރުމުގެ މަސައްކަތް ސްޓެލްކޯއާ ގުޅިގެން ކުރިއަށްގެންދާތީ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

އިއްޒުއްދީން މަގުގައި މިހާރު މަރާމާތު ކުރަމުންދާ ހިސާބު ނިމުމުން އެ ހިސާބުން ފެށިގެން އަމިނީމަގާ ހިސާބަށްވީ ސަރަހައްދު ވެސް މަރާމާތުކޮށް ތާރުއެޅުމަށް ވަނީ ހަމަޖެހިފަ އެވެ.