ބޮލީވުޑްގެ ތަރި ޒާއިރާ ވަސީމް އަށް ފުރައްސާރަކުރި ކަމަށް ބުނާ އިންޑިއާގެ ވިޔަފާރިވެރިއަކު ހައްޔަރުކޮށް އެ މައްސަލަ ބަލަން ފަށައިފި އެވެ.

"ދަންގާލް" އިން ބޮލީވުޑަށް ތައާރަފްވި ބަތަލާ އިންސްޓަގްރާމްގައި ޕޯސްޓްކުރި ވީޑިއޯއެއްގައި ބުނީ އޭނާ ނިއުދިއްލީ އަށް ދަތުރު ކުރި ފްލައިޓުގައި އިން މެދު އުމުރުގެ ފިރިހެނެއްގެ ފަރާތުން އުނދަގޫތަކާ ކުރިމަތިވި ކަމަށެވެ.

"އޭނާ އިނީ އަހަރެންގެ ސީޓުގެ ފަހަތުގައި. އަހަރެންގެ ސީޓަށް ފައި އަރުވައިގެން. ކޮނޑުގައި ޖެހުމާ ކަންތައް ކުރި. ފްލައިޓް އެޓެންޑެންޓުންނަށް އެންގުުމުން ވެސް ހައްލެއް ނުލިބުނު،" ކާމިޔާބު ފިލްމު "ސީކްރެޓް ސުޕަ ސްޓާ" އިން މީހުންގެ މަގްބޫލުކަން ހޯދި ބަތަލާ ޕޯސްޓްކުރި ވީޑިއޯގައި ބުނެފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން އިންޑިއާގެ ވިޔަފާރިވެރިއަކު ހައްޔަރުކޮށްފައިވާ އިރު ބައެއް ނޫސްތައް ބުނާ ގޮތުން ހައްޔަރުކޮށްފައި ވަނީ 39 އަހަރުގެ ވިކާސް ސަޗްދޭވް ކިޔާމީހެކެވެ.

ޒާއިރާ ދަރުތުކުރީ އެއާ ވިސްޓާރާގެ ފްލައިޓަކުންނެވެ. ޒާއިރާގެ ވީޑިއޯ އަށް ފަހު އެ އެއާލައިނުން ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ މައްސަލަ ހިނގި ގޮތް ބަލާނެ ކަމަށާއި އެފަދަ ކަންތައް ކުރާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

ޒާއިރާ ވަނީ އޭނާގެ ގޮނޑިއަށް ފައި އަރުވައިގެން މީހަކު އޮންނަތަން ފެންނަ ފޮޓޯއެއް ވެސް ޕޯސްޓްކޮށްފަ އެވެ.