މިމަހުގެ ތެރޭގައި 2050 ސްކޮލާޝިޕަށް ހުޅުވާލާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު 'ސަން'އަށް މިރޭ ވިދާޅުވީ، އެ ސްކޮލާޝިޕްތަކަކީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޒުވާނުންނަށް ވެވެޑައިގެންފައިވާ ވައުދެއް ކަމަށެވެ.

ނަޒީރު ވިދާޅުވީ، މިމަހުގެ 21 ވަނަ ދުވަހު ހުޅުވާލުމަށް ހަމަޖެހިފައިވަނީ، 2050 ސްކޮލާޝިޕާއި، 1000 ލޯނުގެ ފުރުސަތު ކަމަށެވެ.

އޭނާ ވިދާޅުވީ، އެ ސްކޮލާޝިޕްތަކަކީ މާލެ ސަރަހައްދުގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިނގާއިރު، އިތުރުވެގެންދާ ވަޒީފާތަކަށް ޒުވާނުން ތަމްރީނު ކުރުމަށް ދޭ ސްކޮލާޝިޕްތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ، ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލާނީ، ރާއްޖޭގެ އިންސްޓިޓިއުޓްތައް ހިމެނޭ ގޮތަށް ބާއްވާ ބޮޑު ފެއާއެއްގައި ކަމަށެވެ.

ނަޒީރު ވިދާޅުވީ، އެ ސްކޮލާޝިޕްތަކުގެ ދަށުން ސެޓްފިކެޓް ލެވެލް އިން ފެށިގެން ޑިޕްލޮމާ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އެ ސްކޮލާޝިޕްތަކަކީ، ފުލީ ފަންޑެޑް ސްކޮލާޝިޕްތަކެކެވެ.