ތަފާތު ދާއިރާތަކުން އިންސާނީ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅުވައިގެން މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރަށް އަމަލުކުރާނޭ ނޭޝަނަލް ހިއުމަން ރައިޓްސް އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

ޑިސެމްބަރ 10، 2017: ބައިނަލްއަޤުވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ރާއްޖޭގައި ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދި ކަމާ ބެހޭ މުވައްސަސާތަކާ މަދަނީ ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން 14 ދާއިރާ އެއް ހިމެނޭގޮތަށް ނެޝަނަލް ހިއުމަން ރައިޓްސް އެކްޝަން ޕްލޭނެެއް އެކުލަވާލާ، އަމަލު ކުރެވެމުންދާ ކަމަށް މިނިސްތަަރު ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ، އިންސާނީ ހައްގުތަކުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހެޅެނީ ސިއްހީ ހިދުމަތް ނުލިބުމާއި، އުމުރުން ދުވަސްވީ މީހުންނާއި، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި، ކުޑަކުދިންނާއި އާއިލާތަކާ ގުޅުންހުރި މައްސަލަތައް ކަމަށެވެ.

ޑިސެމްބަރ 10، 2017: ބައިނަލްއަޤުވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ޖެންޑާ މިނިސްޓަރު ޒެނީޝާ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި އެކުދިންނަށް އިހުމާލުވުމުން ރައްކާތެރިކުރުމަކީ ކޮންމެ ކުއްޖަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ފާއިތުވި ފަސް މަހުގެ ތެރޭގައި ކުޑަކުދިންނަށް އިހުމާލުވުމާއި އެކުދިންނަށް އަނިޔާ ލިބުމުގެ 600އަށް ވުރެ ގިނަ މައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، އަންހެނުންނާ އަންހެން ކުދިންނަށް ލިބޭ އަނިޔާއިން އެކުދިން ރައްކާތެރިކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ތަފާތު ދާއިރާތަކުން އިންސާނީ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރަމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ޑިސެމްބަރ 10، 2017: ބައިނަލްއަޤުވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ރާއްޖޭގައި ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ރައްކާތެރިކަންދީ ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތްތަކެއް ދަނީ ކުރެވެމުން،" މިނިސްޓަރު ޒެނީޝާ ވިދާޅުވިއެވެ.

އެކަމަނާ ވަނީ އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކަށަވަރުކޮށްދިނުމަށް އެޗްއާރްސީއެމުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެ ކޮމިޝަނަށް ޝުކުރު ދަންނަވައިފައެވެ.