10 Dec 2017, 23:08
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދިން 30 ފަރާތެއްގެ އަގު ވަޒަންކޮށްފި އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި އެ ފަރާތްތަކާ ހަނދާނީލިޔުން ހަވާލުކޮށް ދެއްވީ ޖެންޑާ އެންޑް ފެމެލީ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އެވެ.
އެޗުއާރުސީއެމް އަށް އެހީތެރިކަން ފޯރުކޮށްދީގެން އަގުވަޒަން ކުރި ފަރާތްތަކުގެ ތެރޭގައި ފުލުހުންނާއި ސިފައިންގެ އިތުރުން ސިވިލް ސާވިސް ޓްރޭނިން އިންސިޓިއުޓް ފަދަ ތަން ތަނާއި ބައެއް ފަރުދުން ހިމެނެ އެވެ.
އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ
މިރޭގެ ޖަލްސާގައި ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާ އާމިނަތު އީނާސްގެ ހާއްސަ މެސެޖެއް ވަނީ އިއްވައިފަ އެވެ. އީނާސްގެ މެސެޖުގައި ވިދާޅުވީ ދިވެހިންނަކީ ޒަމާނުއްސުރެ އިސްލާމީ އާދަތަކާ އެއްގޮތަށް އެކަކު އަނެކަކަށް އިހްތިރާމުކޮށް ދިރިއުޅެމުން އައިސްފައިވާ ބައެއް ކަމަށެވެ. ނަމަވެސް ޒަމާނަށާއި ވިސްނުމަށް އަންނަ ބަދަލާ އެކީ އެހެން މުޖުތަމައުތަކުން ފެންނަ ނުރަނގަޅު ކަންތައްތައް މިއަދު ދިވެހި މުޖްތަމައިން ފެންނަ ކަމަށެވެ.
"އަމިއްލަ ވަޒަނާއި އާއިލާ އާއި ގެދޮރު ދޫކޮށް ފޮނި އުއްމީދުތަކާ އެކު އައި ކިތައް ބިދޭސިންތޯ އެ އުއްމީދުތައް ވިއްސި ވިހާލިވެ އަމިއްލަ ވަޒަނަށް ދެވޭނެ ކަމުގެ އުއްމީދު ނެތި ކިތައް ބިދޭސިން މި މުޖްތަމައުގައި ވެސް އުޅެމުންދޭތޯ؟" އެޗްއާރްސީއެމްގެ ރައީސާގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު އިންސާނީ ކޮންމެވެސް ހައްގެއް ގެއްލިގެން މި އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް 342 މައްސަލަ ހުށަހެޅި، 246 މައްސަލަ ތަހުގީގުކޮށް ނިމިފައިވާ ކަމަށާއި އެ މައްސަލަތަކަށް ބަލާ އިރު އެންމެ ގިނައީ ސިއްހީ ކަންކަމާ ގުޅުން ހުރި މައްސަލަތަކުގެ އިތުރުން ހާޢްސަ އެހީއަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާ ގުޅުން ހުރި މައްސަލަތައް ކަމަށް އީނާސް ފާހަގަ ކުރައްވާފައިވެ އެވެ.
އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ
މީގެ އިތުރުން ގައިދީންނާއި ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތައް ވެސް ހުށަހަޅާފައިވާކަން ފާހަގަކޮށް އެޗްއާރްސީއެމްގެ ރައީސާ ވިދާޅުވީ އެ މައްސަލަތައް ދިމާވާ ސަބަބުތައް ދެނެގަނެ އެކަންތައް ރަނގަޅު ކުރާނެ ގޮތްތަކާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރާ ކަމަށެވެ.
މިރޭގެ ޖަލްސާގައި އެޗްއާރްސީއެމްގެ މަސައްކަތްތަކާ ގުޅޭ ގޮތުން ވީޑިއޯ ރިޕޯޓެއް ވަނީ ހުށަހަޅައިފަ އެވެ. އެ ރިޕޯޓުގައި ފާހަގަކުރި ގޮތުން އިންސާނީ ހައްގުތަކާ ގުޅުން ހުރި މައްސަލަތައް ފަސޭހައިން ރިޕޯޓުކުރުމަށް ގާއިމް ކޮށްފައިވާ 1424 އަށް މި އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް 658 ކޯލު ލިބިފައިވެ އެވެ. އަދި އޭގެ ތެރެއިން 39 ކޯލަކީ އާ މައްސަލަތަކާ ގުޅޭ ކޯލުތައް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ އިގްރާރުގައި މިއަހަރުގެ މިހާތަނަށް ނުވަ ކުންފުންޏަކުން ސޮއިކޮށްފައިވާ ކަމަށާއި އިންސާނީ ހައްގުގެ ހާލަތުގެ ދެނެގަތުމަށް ކޮންމެ ފަސް އަހަރަކުން އެޗްއާރްސީއެމް އިން ތައްޔާރުކުރާ "ދަ ރައިޓް ސައިޑް އޮފް ލައިފް"ގެ ތިން ވަނަ ދިރާސާގެ މަސައްކަތް ފެށި އަންނަ އަހަރުގެ މެދު ތެރޭ އާންމު ކުރާނެ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.