10 Dec 2017, 21:37
އިންސާނީ ހައްގުތައް ކުރިއަރުވައި އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ރާއްޖެ ވަނީ ކުރިއެރުންތަކެއް ހޯދާފައިކަމަށް ފޮރިން މިނިސްޓަރު ޑރ މުހައްމަދު އާސިމް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅުވައިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި މިނިސްޓަރު ވިދާޅުވެފައިވަނީ، އަންހެނުން ބާރުވެރިކުރުވުމާއި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމާއި ތައުލީމު ފޯރުކޮށްދިނުމުގައި އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖެއިން ކުރިއެރުންތައް ހޯދާފައިވާ ކަމަށެވެ.
އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ގާނޫނުތައް ފާސްކޮށް އަމަލު ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ރާއްޖެއިން މަސައްކަތް ކުރާނީ އިންސާނީ ހައްގުތައް ރައްކާތެރިކޮށްދިނުން ހަރުދަނާ ކުރުމަށްކަމަށްވެސް މިނިސްޓަރުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ހަމަނުޖެހުންތަކާއި މޫސުމީ ބަދަލުތަކާއި ފިތުނަފަސާދައިގެ ސަބަބުން އިންސާނީ ހައްގުތައް ގެއްލިގެން ގޮސްފައިވާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އެންމެން އެކުގައި ގުޅިގެން ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.