09 Aug 2011, 09:52
ކާބުލް (އޮގަސްޓް 9) : ނޭޓޯގެ އިތުރު ހެލިކޮޕްޓަރެއް ރޭ އަފްޣާނިސްތާނަށް ވެއްޓިއްޖެ އެވެ. މިއީ ފާއިތުވި ތިން ދުވަހުގެ ތެރޭގައި އަފްޣާނިސްތާނަށް ވެއްޓުނު ނޭޓޯގެ ދެ ވަނަ ހެލިކޮޕްޓަރެވެ. އަފްޣާނިސްތާނުގެ އިރުމަތީގެ ސަރަޙައްދަކަށް ރޭ ވެއްޓުނު ނޭޓޯގެ ހެލިކޮޕްޓަރަކީ ވެސް އެމެރިކާގެ ހެލިކޮޕްޓަރެއް ކަމަށް ޚަބަރުތައް ބުނެއެވެ.
ނަމަވެސް މިއީ ނޭޓޯގެ ކޮންޤައުމަކަށް ނިސްބަތްވާ ހެލިކޮޕްޓަރެއްކަން ނޭޓޯގެ ކޮމާންޑުން ހާމައެއްނުކުރެއެވެ. ރޭ ވެއްޓުނު ހެލިކޮޕްޓަރުގެ ޙާދިޘާގެ ފަހަތުގައި ވަނީ ފަންނީ ސަބަބުތަކެއް ކަމަށް ބެލެވޭ ކަމަށާއި މިޙާދިޘާގައި މީހަކު މަރުވެފައިނުވާ ކަމަށް ނޭޓޯއިން ބުނެ އެވެ.
އަފްޣާނިސްތާނުގެ ތާލިބާނުން ގެ ޙަމަލާއެއްގައި، އެމެރިކާގެ ޢަސްކަރީ ހެލިކޮޕްޓަރެއް މިދިޔަ ހޮނިހިރު ދުވަހު ވެއްޓި އެއިން ދަތުރުކުރި އެންމެން މަރުވުމުން އެމެރިކާއަށް ސިހުން ލިބިފައިވެ އެވެ. މިހެލިކޮޕްޓަރު ވައްޓާލުމުގެ ޙާދިޘާގައި އެމެރިކާ ސިފައިންގެ ތެރޭގައި ހިމެނޭ އެންމެ ބާރުގަދަ ލަޝްކަރު ކަމަށްވާ ސްޕެޝަލް އޮޕަރޭޝަން ފޯސްގެ 31 މީހުން މަރުވެފައިވާތީ އެމެރިކާ ގެންދަނީ މިކަން ތަހްޤީޤް ކުރަމުންނެވެ.
މީގެއިތުރުން ތާލިބާނުންގެ ޙަމަލާތަކެއްގައި މިދިޔަ އާދީއްތަ ދުވަހު ނޭޓޯއަށް ނިސްބަތްވާ އެމެރިކާ ސިފައިންގެ ދެމީހުންނާއި ފަރަންސޭސި ސިފައިންގެ ދެމީހުންވެސް މަރުވެފަ އެވެ. ހޮނިހިރު ދުވަހު ތާލިބާނުން އެމެރިކާގެ ހެލިކޮޕްޓަރު ވައްޓާލީ އެމެރިކާ ސިފައިންނަށް އޮޅުވާލުމުގެ އުކުޅުތަކެއް ހަދައި މިއުކުޅުތަކުގައި އެމެރިކާގެ ކޮމާންޑަރުން ޖައްސައިގެންކަން ހާމަވުމުން ތާލިބާނުންގެ އާރާއި ބާރާއި ހަނގުރާމައިގެ އުކުޅު ހުރި މިންވަރު އެމެރިކާ އަށް އެނގި އެމެރިކާ ކަންބޮޑުވެފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. (ރޮއިޓާސް+އަލްޖަޒީރާ)