10 Dec 2017, 18:20
ރާއްޖޭން އުމުރާ ދަތުރުތައް އިންތިޒާމުކުރާ ފަރާތްތަކުން ސަލާމަތީ ސަބަބުތަކަށްޓަކައި އަޤުޞާ މިސްކިތަށް ޒިޔާރަތް ކުރަން ނުޖެހޭ ގޮތަށް ހަމަޖެއްސުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
އިސްރާއީލުގެ ވެރިރަށަކީ ގުދުސްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފްތާގައި އިއުލާނު ކުރެއްވުމާއި ގުޅިގެން މުސްލިމުން ދަނީ އެކަމާ ދެކޮޅަށް އަޑު އުފުލައި އިހްތިޖާޖު ކުރަމުންނެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެދު އިރުމަތީގެ މަސްރަހު ހޫނުވެ އެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މިވަގުތު އަޤުޞާ މިސްކިތަށް ދަތުރުކުރުމަކީ އެންމެ ރައްކާތެރި ގޮތް ނޫން ކަމަށެވެ.
އެހެންކަމުން ކަމާ ބެހޭ ފަރާތްތަކުން ވަކިގޮތެއް އަންގަންދެން ތިން ހަރަމަށް ދަތުރުކުރުމުގެ ގޮތުން އަޤުޞާ މިސްކިތަށް ޒިޔާރަތް ކުރާ ގޮތަށް އިންތިޒާމު ކުރާ އުމުރާ ދަތުރުތައް އިންތިޒާމު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.
އިސްލާމިކް މިނިސްޓްރީން އެގޮތަށް އަންގާފައިވީ ނަމަވެސް ބައެއް ފަރާތްތަކުން މިހާރު ވަނީ ތިން ހަރަމް އުމުރާ ފައިސާ ދައްކައި، ބައެއް ފަރާތްތަކުން ވަނީ ދަތުރުވެސް ފަށާފައެވެ.