10 Dec 2017, 18:15
ސައުތު އޭޝިއަން އެތުލެޓިކްސް ފެޑެރޭޝަންގެ ކައުންސިލް މީޓިން މިއަދު އައްޑޫ ސިޓީގައި ފަށައިފިއެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުނާ ގުޅިގެން އައްޑޫގައި މިއަދު ހެނދުނު 10:00ގައި ފެށި އެ މީޓިންގައި ނޭޕާލް ފިޔަވައި ސައުތު އޭޝިއާގެ ހަތް ގައުމުން ވަނީ ބައިވެރިވެފައެވެ.
މިއަދުގެ ނިޔަލަށް ކުރިއަށްދާ މީޓިންގައި، އަންނަ އަހަރު މިސަރަޙައްދުގައި ބާއްވާ މުބާރާތްތަކާއި މުބާރާތްތަކުގެ ތާރީޚްތައް ކަނޑައަޅާގޮތަށްވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މިމީިޓިންގައި ސައުތު އޭޝިއާ އެތުލެޓިކްސް ފެޑެރޭޝަންގެ އަސާސީގަވާޢިދަށް ގެނެވޭ އިސްލާޙްތަކާއެކު އަސާސީ ގަވާޢިދު ފާސްކުރާނެ ކަަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
ސައުތު އޭޝިއާގެ ކައުންސިލް މީޓީން ރާއްޖޭގައި ބާއްވާއިރު، އެންމެ ފަހުން ބޭއްވުނު ސައުތު އޭޝިއާ އެތުލެޓިކްސް ފެޑެރޭޝަންގެ އިންތިޚާބްގައި އެ ފެޑެރޭޝަންގެ ނާއިބް ރައީސްގެ މަގާމަށް ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޠަލާލް ވަނީ އިންތިޚާބް ކުރެވިފައެވެ.
މި މީޓީން ރާއްޖޭގައި ބޭއްވިގެން މިދަނީ ކުޅިވަރާ ބެހޭ ވުޒާރާއާއި އައްޑޫ ސިޓީގެ އީކްއޭޓަރ ވިލެޖްގެ އެހީތެރިކަމާއެކު ކަމަށް ވެސް އެތުލެޓިކްސް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.