ރިޔާދު (10 ޑިސެމްބަރު) :ގުދުސް އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާ އިން ނިންމި ނިންމުމާ ގުޅޭ މީޑިއާ ކަވަރޭޖް ސައުދީގެ މީޑިއާތަކުން މާގިނައިން ނުގެނެސްދިނުމަށް އެގައުމުގެ ސަރުކާރުން އަންގައިފި އެވެ.

ލަންޑަންގެ "ނިއު އެރެބް" ނޫހުން ބުނީ ގުދުސްގެ މައްސަލައަށް މާބޮޑަށް ކަވަރޭޖް ނުދިނުމަށް އެދި ސައުދީން އެގައުމުގެ މީޑިއާތަކަށް އިންޒާރު ދީފައިވާ ކަމަށެވެ. އަދި ބުނީ ގުދުސްގެ މައްސަލައަށް ކަވަރޭޖް ދިނުމަށް ވުރެ ސައުދީގެ ދުޝްމަން އިރާނާ ގުޅޭ ބެހޭ ހަބަރުތައް ގެނެސްދިނުމަށް އެދި މީޑިއާތަކަށް އަންގައިފައިވާ ކަމަށެވެ.

ގުދުސް އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާ އިން ބަލައިގަތުމުގެ ކުރިން އެކަމަށް އަރަބި ގައުމުތަކުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް އިސްރާއިލުގެ މިނިސްޓަރެއް ކަމަށްވާ ޔިސްރާއިލް ކަޓްޒް ބުރާސްފަތި ދުވަހު ވަނީ ވިދާޅުވެފަ އެވެ.

ޔިސްްރާއިލް ވިދާޅުވީ ގުދުސްގެ މައްސަލާގައި ސައުދީއާ އިސްރާއިލުން ވެސް ވަނީ ދެ ގައުމު ގުޅިގެން އިރާނާ ކުރިމަތިލުމަށް އެއްބަސްވުންތައް ކުރިއަށް ގެންގޮސްފައި ކަމަށެވެ. އިސްރާއިލު ޓުޑޭގެ ނޫހުގެ އަރަބި ގައުމުތަކާ ބެހޭ އެނަލިސްޓަކު ވެސް ވިދާޅުވީ މިދަނޑިވަޅަކީ ގުދުސްގެ މައްސަލައަށް ސަމާލުކަންދޭންވީ އެންމެ ފުރިހަމަ ވަގުތު ނޫން ކަމަށާއި އަދި މިވަގުތު އިސްކަންދޭންވީ އިރާނުގެ ކިބައިން މެދުއިރުމަތި ސަލާމަތްކުރުމަށް ކަމަށެވެ.

އިސްރާއިލާ ސައުދީއާ ދެމެދު ޑިޕްލޮމެޓިކް ގުޅުމެއް ނޯވެ އެވެ. ނަމަވެސް އަޑިއަޑިން ދެގައުމުގެ ދެމެދުގައި ގުޅުން އޮންނަ ކަމަށް ވަރަށް ބޮޑަށް އަޑުފެތުރިފައިވެ އެވެ. ހުދު އިސްރާއިލުގެ ބޮޑުވަޒީރު ވެސް ވަނީ އެކަން ޔަގީން ކޮށްދީފަ އެވެ.

އަލްއަރަބީ