10 Dec 2017, 14:52
ތޫފާން އޯޗީގައި ޖެހި އިންޑިއާ އަދި ލަންކާއިން ގެއްލިގެން ހޯދަމުންދާ މަސްވެރިން ހޯދަން އިންޑިއާގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވާން ފަށައިފި އެވެ.
އިންޑިއާ ސިފައިން ހަރަކާތްތެރިވަނީ ވައިގެ މަގުންނާއި ކަނޑު މަގުންނެވެ. އެގޮތުން މިހާރު އިންޑިއާ ސިފައިންގެ މަތިންދާބޯތެއް ވެސް ރާއްޖޭގެ އެންމެ އުތުރުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފް އިން ބުނީ ގެއްލުނު މަސްވެރިންނާއި އުޅަނދުތައް ހޯދުމަށް އެމްއެންޑީއެފް އިން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން ކޯސްޓް ގާޑް ޝިޕް ޝަހީދުއަލީ އަދި ނޫރުއްދީން ރާއްޖޭގެ އުތުރު ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އިންޑިއާ އަދި ލަންކާ އިން ގެއްލިގެން ހޯދަމުން ދަނީ ޖުމުލަ 67 މަސްވެރި އުޅަނދެވެ. އެއީ އިންޑިއާގެ 37 ބޯޓާއި އަދި ލަންކާގެ 30 ބޯޓެކެވެ.
މިދިޔަ ހަފްތާގައި ވެސް ރާއްޖެ ސަރަހައްދުން ވަނީ ލަންކާގެ މަސްބޯޓެއް ފެނިފަ އެވެ. އެ މަސްބޯޓު ފެނިފައި ވަނީ އިހަވަންދޫ ގޮމަ ނަމަކަށް ކިޔާ ދޯނީގައި މަހަށް ނިކުމެ އުޅުނު ބަޔަކަށް މިދިޔަ ބުދަދުވަހުގަ އެވެ.