10 Dec 2017, 13:44
މެންޗެސްޓާ ސިޓީގެ ކުޅުންތެރިން ވައި ޖެހޭއިރަށް ވެއްޓޭ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފި އެވެ.
މިރޭ ކުޅޭ މެންޗެސްޓަ ޑާބީގެ ކުރިން ވާހަކަ ދައްކަމުން މޮރީނިއޯ ވަނީ ސިޓީގެ ކުޅުންތެރިން ޑައިވް ކުރާ ކަމަށް ތުހުމަތުކޮށް ވާހަކަ ދައްކައިފަ އެވެ. މި ސީޒަނުގައި ހަތަރު ޕެނަލްޓީއާ އެކު ޕްރިމިއާ ލީގުގައި އެންމެ ގިނަ ޕެނަލްޓީ ލިބިފައި ވަނީ ސިޓީއަށެވެ.
"ސިޓީ އަކީ މޮޅު ޓީމެއް. އެޓީމުގައި ހުރީ މޮޅު ކޯޗެއް. ނަމަވެސް ސިޓީގެ ކުޅުންތެރިން ވަރަށް ފަސޭހައިން ބެލެންސުން ކަޓާ. ކުޑަކޮށް ވައި ޖެހިލާއިރަށް އެ ޓީމުގެ ކުޅުންތެރިން ވެއްޓޭ." މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ ވަނީ ސިޓީން ކުޅުންތެރިންނަށް އަނިޔާވެފައިވާ ކަމަށް ބުނެ ދޮގު ހަދާކަމަށް ވެސް ބުނެފަ އެވެ. އެގޮތުން ސިޓީގެ ކެޕްޓަން ޑޭވިޑް ސިލްވާއަށް އަނިޔާ ވެފައިވާ ކަމަށް ބުނެ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ދޮގު ހެދި ކަމަށް މޮރީނިއޯ ބުނެފައިވެ އެވެ. އެހެން ނަމަވެސް ސިލްވާއަށް ޑާބީގައި ކުޅެވޭނެ ކަމަށް ސިޓީއިން ވަނީ ކަށަވަރު ކޮށްދީފަ އެވެ.
މޮރީނިއޯ އާއި ގާޑިއޯލާއަކީ ޔޫރަޕުގެ ފުޓްބޯޅައިގައި އެންމެ ވާދަވެރި ދެ ކޯޗުންނެވެ. މީގެ ކުރިން ސްޕެއިންގައި ބާސެލޯނާގެ ކޯޗުގެ ގޮތުގައި ގާޑިއޯލާ ހުރި އިރު އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑްގެ ކޯޗެއްގެ ގޮތުގައި ހުރީ މޮރީނިއޯ އެވެ.
މެންޗެސްޓާ ޑާބީއާއި ކުރިމަތިލާއިރު ސިޓީ އޮތީ ޔުނައިޓެޑަށް ވުރެ އަށް ޕޮއިންޓް ކުރީގަ އެވެ. މި މެޗުން ޔުނައިޓެޑް ބަލިވެއްޖެ ނަމަ އެ ޓީމާއި ސިޓީއާ ދެމެދު އޮތް ޕޮއިންޓްގެ ފަރަގު 11 އަށް ބޮޑުވެގެންދާނެ އެވެ.
މެންޗެސްޓާ ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑުގައި މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 9:30 ގަ އެވެ.