ފުރައްސާރަކުރުމާއި މަލާމާތްކުރުމާއި އެކަކު އަނެކެއްގެ އަބުރު ނަގާލުމާއި މުޖުތަމަޢުގައި ނަފްރަތު އުފެދޭ ފަދަ ޢަމަލުތައް އިތުރުވަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ދުވަހުގެ މުނާސަބަތުގައި އެޗްއާރްސީއެމް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މިއަދު ދިވެހި މުޖްތަމައުގައި ފުރައްސާރަކުރުމާއި މަލާމާތްކުރުމާއި އެކަކު އަނެކެއްގެ އަބުރު ނަގާލުމާއި މުޖުތަމަޢުގައި ނަފްރަތު އުފެދޭ ފަދަ ޢަމަލުތައް އިތުރުވުމާއި މީހުންގެ ފުރާނައަށް ގެއްލުންވާ ފަދަ ޢަމަލުތައް އިތުރުވަމުންދާ ކަމަށެވެ.

"ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ވެސް ވަކި ޙުދޫދެއްގެ ތެރެއިން ޒިންމާދާރުކަމާ އެކު ބޭނުންކުރަން ޖެހޭ ޙައްގަކަށް ވާއިރު އެއްވެސް ބެލުމެއްނެތި، އެހެން މީހުންގެ ގަދަރާއި ޢިއްޒަތަށް އުނިކަން އަންނާނެ ފަދަ ގޮތަކަށް ޢަމަލުތައް ބެހެއްޓުމުން މިކަމުގެ ނޭދެވޭ އަސަރު އިންތިހާއަށް މި މުޖުތަމަޢުއަށް ކުރަމުންދާކަން ހިތާމައާ އެކު ފާހަގަކުރަމެވެ." އެ ކޮމިޝަނުގެ ބަޔާނުގައިވެ އެވެ.

އެޗްއާރްސީއެމް އިން ބުނީ މި އަހަރަކީ ދިވެހިރާއްޖޭގައި އިންސާނީ ޙައްގުތައް ރައްކާތެރިކޮށް، ކުރިއަރުވާ، ދެމެހެއްޓުމަށް ގިނަގުނަ ކާމިޔާބު މަސައްކަތްތަކެއް ކުރި އަހަރެއް ކަމަށެވެ.

އެގޮތުން، ޖިނާޢީ އަދުލުގެ ނިޒާމާބެހޭ ގާނޫނުތައް ފާސްކޮށް، މި އަހަރު އަމަލުކުރަން ފަށާފައިވާ ކަމަށާއި ނަމަވެސް އިންސާނީ ޙައްގުތައް ރައްކާތެރިކޮށް، ޙިމާޔަތްކުރުމަށް ބޭނުންވާ މުހިއްމު ބިލްތަކެއް އަދި ވެސް ފާސްނުވެ ވާކަމަށް އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ. އެގޮތުން ހެއްކާބެހޭ ބިލު، މަދަނީ އިޖުރާއަތުގެ ބިލު، ޖުވެނައިލް ޖަސްޓިސް ބިލު، ކުޑަކުދިންގެ ޙައްގުތަކާބެހޭ ބިލު، ހެކިންނަށް ހިމާޔަތް ދިނުމާބެހޭ ބިލު ގާނޫނަކަށް ނުވެ އޮތްކަން އެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އިން ކަށަވަރުކޮށްދީފައިވާ ޙައްގުތައް ރައްޔިތުންނަށް ލިބިދިނުމަށް ޓަކައި ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބާރުވެރިކަން ނަގަހައްޓައި، ދެމެހެއްޓުމަށް، ދައުލަތުގެ ތިންބާރުން ވެސް މަސައްކަތްކުރުމަކީ މުހިންމުކަމެއް ކަމަށެވެ.