10 Dec 2017, 13:48
ތައުލީމީ ފަންޑުން ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން 2015 ވަަނަ އަހަރުގެ ނިޔަލަށް ލިބެން ޖެހޭ 8.46 މިލިއަން ރުފިޔާ ނުލިބޭ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.
އޮޑިޓް އޮފީހުން އާންމު ކުރި އެޑިއުކޭޝަން މިނިސްޓްރީގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި އިސްލާހު ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ވަނީ ފާހަގަކޮށްފަ އެވެ.
އެގޮތުން ތައުލީމީ ފަންޑުން ޓީޗަރުންގެ ކުރިއެރުމާއި މަތީ ތައުލީމު ހާސިލު ކުރާ ކުދިންނަށް ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން ގިނަ ބަޔަކަށް ދޫކޮށްފައިވާ ލޯނުތަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ހުރި ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
އެފަރާތްތަކަށް ޖުމްލަ 8.1 މިލިއަން ރުފިޔާ ދޫކޮށްފައިވާ އިރު 2015ގެ ނިޔަލަަށް ހަ މިލިއަން ރުފިޔާ އޭގެތެރޭން ނުލިބޭ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
އަދި ސުކޫލު ކޮލެޖް އަދި ޖަމިއްޔާތަކަށް ދޫކޮށްފައިވާ ލޯނުތަކަށް ދައްކަން ޖެހޭ ދެމިލިއަން ރުފިޔާ ވެސް ނުލިބޭ ކަމަށް ރިޕޯޓުގައިވެ އެވެ.
ފައިސާ ދައްކަން ޖެހޭ މުއްދަތު ހަމަވެ ނުދައްކާ 131 ފަރާތެއް ހިމެނޭ އިރު އެ ފައިސާ ދެއްކުމާ ބެހޭ ގޮތުން އޭގެ ތެރޭން ގިނަ ފަރާތްތަކާ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާ ކަން އޮޑިޓް ރިޕޯޓުން އެނގެ އެވެ.
އޮޑިޓް އޮފީހުން ވަނީ މާލިއްޔަތު ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން އެ ފައިސާ ހޯދުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ލަފާ ދީފަ އެވެ.