ދިވެހި މަސްވެރިންނަށް ގެއްލުން ލިބޭ ގޮތަށް ދިވެހި މަސްކަނޑުތައް ބޭނުންކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ދީގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަރަބި ކަނޑަށް ހުރަސް ކުރުމުގެ ހުއްދަ ސްރީލަންކާ އުޅަނދުތަކަށް ދިނުމުގެ އެއްބަސްވުން އުވާލުމަށް ގޮވާލައި އިއްޔެ ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ވެސް ވަނީ އެކަމަށް ދެކޮޅު ހައްދަވާ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ސަރުކާރަށް ނިސްބަތްވެޑައިގަންނަވާ ބައެއް މެންބަރުން ވިދާޅުވީ، އެކަން ކުށްވެރި ކުރުމުގެ ކުރިން ސަރުކާރުން އެފަދަކަމެއް ކޮށްފައިވޭތޯ ބަލަން ޖެހޭ ކަމަށެވެ.

ބެލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަމްޒާ ވިދާޅުވީ އެ މައްސަލައާ މެދު ވާހަކަ ދައްކާއިރު ސަރުކާރުން އެކަން ކޮށްފައި ވަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށްތޯ ބަލަން ޖެހޭ ކަމަށެވެ. އަދި ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ، މައްސަލައިގެ ރޫހަށް ބަލާއިރު އެއީ ކަންބޮޑުވަން ޖެހޭ މައްސަލައެއް ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ އާއި ޕްރެސް ސެކްރެޓަރީގެ މުހައްމަދު ޒުހެއިރު ދައްކަވާ ވާހަކަފުޅުގައި ތަފާތުތަކެއް ހުރުމުން އެކަމާ ބެހޭ މައުލޫމާތު ރަނގަޅަށް އޮޅުން ފިލުވަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ މަސްކަނޑުތައް ހުޅުވިގެން ދިއުމަކީ މަސްވެރިންނާއި ރައްޔިތުންގެ މަޖިލީހުން ވެސް ކަންބޮޑުވާ ކަމެއް ކަމަށާއި ރާއްޖޭގެ ހާރިޖީ ގުޅުން ބައްޓަންވާން ވާނީ ރާއްޖެ ދެމި އޮންނާނެ ފަދަ ގޮތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައިގައި ބައެއް މެންބަރުން ވަނީ ސަރުކާރަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ވިލުފުށީދާއިރާގެ މެންބަރު ރިޔާސު ރަޝީދު ވިދާޅުވީ، އެ މަސައްކަތަކީ، ދެން ރާއްޖޭގެ ވެރިކަން މިހާރު އޮތް ސަރުކާރަށް ނުލިބޭނެތީ، ލިބުނު ފަސް އަހަރު ދުވަހުގެ ތެރޭގައި އަތުޖެހުނު އެއްޗެއް ވިއްކައިލުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ކަމެއް ކަމަށެވެ.

ފަރެސް މާތޮޑާ ދާއިރާގެ އިބްރާހިމް މުއްތަލިބު ވިދާޅުވީ، ސަރުކާރުން ކުރިއަށް ގެންދާ އެފަދަ އަމަލުތަކަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އައިސޮލޭޓް ކުރުމަށް ގެންގުޅޭ ވިސްނުމެއް ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތައް ހުރަސް ކުރުމުގެ ހުއްދަ ލަންކާއަށް ދީފައި ވަނީ ލަންކާގައި ފުޅާދާއިރާއެއްގައި އެމްޑީޕީގެ އިދިކޮޅު ހަރަކާތް ހިންގުމުގެ ހުއްދަ ދީފައިވާތީ އެކަމުގެ ހަދިޔާއަކަށް ދިން ހުއްދައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައިގައި މަޖިލީހުގައި ބަހުސް ކުރަމުންދާ އިރު ވެސް އެކަމުގެ ސައްހަ މައުލޫމާތު ސަރުކާރުން ހާމަކޮށްފައި ނުވާތީ ވެސް ބައެއް މެންބަރުން ފާޑު ވިދާޅުވި އެވެ. ބައެއް މެންބަރުން ވިދާޅުވީ އެފަދަ ކަންތައްތަކާ ބެހޭ މައުލޫމާތު ލިބެން ޖެހޭނީ ބޭރު ގައުމަކުން ނޫން ކަމަށެވެ. އަދި ސަރުކާރުން ކުރާ ކޮންމެ ކަމެއް ރައްޔިތުންނަށް ހާމަ ކުރަން ޖެހޭނެ ކަމަށް ވިދާޅުވެ އެކަމާ ބެހޭ މައުލޫމާތު ހާމަކޮށް ރައްޔިތުންނަށް އޮޅުން ފިލުވައި ދެއްވުމަށް ވެސް ބައެއް މެންބަރުން ސަރުކާރަށް ގޮވައިލެއްވި އެވެ.