މި އަހަރު ބޭންކިންގެ ހިދުމަތް ދޭނެ އެންމެ ފަހު ދުވަހަކީ މި މަހުގެ 28 ވަނަ ދުވަސް ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން ބުނެފި އެވެ.

އެމްއެމްއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ އޮތޯރިޓީން މި އަހަރު ބޭންކިންގެ ހިދުމަތް ދޭނެ އެންމެ ފަހު ތާރީހަކީ މި މަހުގެ 28 ވަނަ ދުވަސް ކަމަށާއި އަދި މި މަހުގެ 31 ވަނަ ދުވަހަކީ އެމްއެމްއޭގެ ބޭންކިންގެ ހިދުމަތް ބަންދު ދުވަހެއް ކަމަށެވެ.

ބޭންކްތަކުގެ އޮޑިޓް މަސައްކަތަށް ކޮންމެ އަހަރެއްގެ އެންމެ ފަހު ރަސްމީ ދުވަހަކީ ބޭންކްތަކާއި އެމްއެމްއޭ ބަންދު ދުވަހެކެވެ. ރާއްޖޭގައި ހިދުމަތްދޭ ބޭންކްތައް މި މަހުގެ 31ގައި ބަންދުވާނެކަން އެ ބޭންކްތަކުން އަދި ހާމަކޮށްފައި ނުވިނަމަވެސް އެމްއެމްއޭ ބަންދު ވާ ދުވަހު އާންމުކޮށް ބޭންކްތައް ވެސް ބަންދުކުރެ އެވެ.