10 Dec 2017, 12:03
މަސްވެރިންގެ ދުވަސް އާންމުކޮށް ރާއްޖޭގައި ފާހަގަކުރަނީ ސަރުކާރުގެ ފަރާތުންނެވެ. ދުވަސް ފާހަގަކުރުމަށް ވަކި ރަށެއް ހާއްސަކޮށް އެރަށެއް ޒީނަތްތެރިވެސް ކުރެ އެވެ.
އެކަމަކު މަސްވެރިން، އެމީހުންގެ ދުވަސް ފާހަގަކުރަނިކޮށް ފެންނަނީ ވަރަށް މަދު ފަހަރަކު އެވެ. ގއ. ގެމަނަފުށީގެ މަސްވެރިން މިއަދު އެމީހުންގެ ދުވަސް ފާހަގަކުރަން ހަރަކާތްތަކެއް ހިންގައިފި އެވެ.

ގެމަނަފުށީގެ ދުވަސްވީ މަސްވެރިން މިއަދު މަހަށްގޮސް ދޯނިމަތީގައި -- ފޮޓޯ/ ގެމަނަފުށީ މަސްވެރިން ފޭސްބުކް
ގެމަނަފުށީ ގެލެރީވިޝަން ދޯނީގެ މަސްވެރިން މިއަދު މަހަށް ނުކުތީ ކުރީ ޒަމާނުގައި އެރަށުގައި މަސްވެރިކަން ކުރި މީހުން ގޮވައިގެންނެވެ. އެ ދޯނީގެ މެނޭޖްމަންޓުގެ މެމްބަރެއް ކަމަށްވާ ހުސައިން ހަމްދާން 'ސަން' އާ ވާހަކަ ދައްކަމުން ބުނީ ކުރީގެ މަސްވެރިކަން ކުރިގޮތް ގެމަނަފުށީ ދުވަސްވީ މަސްވެރިން މިހާރުގެ މަސްވެރިންނަށް ކިޔައިދިނުމުގެ ހަރަކާތްތަކެއް ދޯނިމަތީގައި ކުރިއަށް ދާ ކަމަށެވެ.
"މިހާރުގެ ޒުވާން މަސްވެރިން މިތިބެނީ ބަލަން. ކުރީ ޒަމާނުގައި ކާބަފައިން މަސްވެރިކަން ކުރިގޮތް ތަޖުރިބާ ކޮށްލަން،" ހަމްދާން ބުންޏެވެ.
ގެލެރީވިޝަން ދޯނީގެ މީހުން މަހަށް ނުކުތް އިރު ދުވަސްވީ މީހުންނަށް ހުދުކުލައިން ޓީޝާޓު ތައްޔާރުކޮށް އަދި މިހާރުގެ މަސްވެރިން ވަނީ ނޫކުލައިން ޓީޝާޓު ތައްޔާރުކޮށް ލައިފަ އެވެ. އެމީހުންގެ ޓީޝާޓުގެ ފަހަތުގައި "މަސްވެރިންގެ ދުވަސް 2017" މިހެން ޖަހާފައިވެ އެވެ.
ގެމަނަފުށީ މަސްވެރިންގެ ފޭސްބުކް ޕޭޖުން ކުރީގެ މަސްވެރިން މަސްވެރިކަން ކުރުމުގައި ގެންގުޅު ވައްޓަފާޅި ލައިވްކޮށް ދަނީ ދައްކާލަމުންނެވެ.

ގެމަނަފުށީގެ ދުވަސްވީ މަސްވެރިން މިއަދު މަހަށްގޮސް ދޯނިމަތީގައި -- ފޮޓޯ/ ގެމަނަފުށީ މަސްވެރިން ފޭސްބުކް
ހަމްދާން ބުނީ އެ ހަރަކާތުގެ ބެނުމަކީ މަސްވެރިންނަށް ހާއްސަކޮށްގެން ފާހަގަކުރާ އެދުވަސް މަސްވެރިންގެ ފަރާތުން ފާހަގަކޮށްލުން ކަމަށެވެ. އަދި ކުރީގައި މަސްވެރިކަން ކޮށްފައި ތިބި މީހުންގެ އަގުވަޒަން ކުރުމާއި އެމީހުން ބަލައިގަންނަކަން އަންގައި ދިނުމުގެ ގޮތުން ކަމަށް ވެސް ހަމްދާން ބުންޏެވެ.
ގެލެރީވިޝަން ދޯނީގެ މީހުން މަސްވެރިންގެ ދުވަސް ފާހަގަކުރަނީ މިފްކޯގެ އެހީތެރިކަމާ ވެސް އެއްކޮށް ކަމަށް ހަމްދާން ބުންޏެވެ.
މިފަހަރު މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަނީ ހއ. އިހަވަންދޫގަ އެވެ.